މިއަދުގެ ހުކުރު ޚުޠުބާގައި ކީރިތި ޤުރްއާނާމެދު އުފައްދާ ޝުބުހަތަކާއި އޭގެ ޙަޤީޤަތާ ބެހޭގޮތުން ތަފްޞީލުކޮށްދީފިއެވެ.
“ކީރިތި ޤުރްއާނާ މެދު، އުފައްދާ ޝުބުހަ” މި މައުޞޫއުގެ ދަށުން މިއަދު ގެނެސްދިން ޙުތުބާގައި ވަނީ ކީރިތި ޤުރްއާނަކީ މާތްﷲގެ ކަލާމްފުޅުކަމާއި، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތްނަމަވެސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރާކަމަށް ބުނެފައެވެ.
“ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ ﷺ އަމިއްލަފުޅަށް އުފައްދަވައިގެން ގެންނަވާ ފޮތެއްކަމަށް މައްކާގެ މުޝްރިކުން ދަޢުވާކުރުމުން، މާތްﷲ އެ މީހުންނަށް ރައްދު ދެއްވައި އެންގެވީ، އެ މީހުން އެ ކުރަނީ ތެދު ދަޢުވާއެއަޢުވާއެއް ކަމުގައި ވަނީ ނަމަ، އެ މީހުން ވެސް އެފަދަ ޤުރްއާނެއް ގެނެސްގަތުމަށެވެ,” ޙުތުބާގައި ބުނެފައިވެއެވެ.
އަދި ކީރިތި ޤުރްއާނަކީ މާތްﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް ކީރިތި ޤުރްއާނުގައި ހުރިކަމަށް ޙުތުބާގައި ބުންޏެވެ. މީގެ ތެރޭގައި މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ހިމެނެއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކޮށްފައިވާގޮތުން، އިސްލާމްދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ ﷲގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ވަނީ، ކީރިތި ޤުރްއާނުގައި އަންގަވައިފައެވެ.
އަދި މުސްލިމުންނަށް ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ހިފުމަށް ޙުތުބާގައި ގޮވާލިއެވެ. އަދި އިސްލާމްދީން ދޫކޮށް ކާފިރުކަމުގައި މަރުވާ މީހުންގެ ހުރިހާ ޢަމަލެއް ބޭކާރުވެ، އެމީހުން ދާއިމަށް ތިބޭނީ ނަރަކައިގައިކަން ހަނދާންކޮށްދީފައިވެއެވެ.