ޣައިރުމުސްލިމުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ ތަހުނިޔާ ކިޔުމަކީ ހަރާމް ކަމެއްކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
“ޣައިރުދީންތަކުގެ ޝިޢާރުތައް ފާޅުކުރުން” މި މައުޞޫއުގެ މައްޗަށް މިއަދު ގެނެސްދިން ހުކުރު ޙުތުބާގައި ވަނީ އިސްލާމްދީނުގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ބުނެފައެވެ. އަދި އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
“ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެއެވެ. އެއީ ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާޤުގެ ކަމެއް ކަމުގައި ވިޔަސް މެއެވެ,” ޚުޠުބާގައި ވިދާޅުވިއެވެ.
ޙުތުބާގައި އިތުރަށް ބުނިގޮތުގައި އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޚުޠުބާގައި ވަނީ މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މިފަދަ އިޙްތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، ނަމަވެސް، ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރިވެ ޢަދުލުވެރިވުމަކީ މުސްލިމުންނަށް މާތްﷲ އަމުރުކުރައްވާފައިވާކަން ފާހަގަކޮށްފައެވެ.
އަދި އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއްކަން ޙުތުބާގައި ބުނެފައިވެއެވެ.
“ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެންނެވެ. އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެންނެވެ. އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާއެވެ. ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްނޫނެވެ. ދިނާއި އަޤީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެކެވެ. މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ޞުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުމެވެ. ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތައި އިޙުސާންތެރިވެ ޢަދުލުވެރިވުމަކީ މުސްލިމުންނަށް މާތް ﷲ އަމުރުކުރައްވައިފައިވާ ކަމެކެވެ.” – ޙުތުބާ
ޙުތުބާގައި ވަނީ ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއްކަން ފާހަގަކޮށް ޚާއްޞަ ކޮށް މިފަދަ ޢަމަލުތަކުން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެކަމަށް ބުނެފައެވެ.