މިއަދުގެ ހުކުރު ޚުޠުބާގައި މަސައްކަތުގެ އަޚްލާޤާއި ވަޒީފާގެ ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް، މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމުން ދުރުހެލިވުމަށް މުވައްޒަފުންނަށް އިލްތިމާސްކޮށްފިއެވެ.
“މަސައްކަތުގެ އަޚްލާޤު” މި މައުލޫގެ ދަށުން މިއަދު ގެނެސްދިން ޚުޠުބާާގައި ވަނީ މުއައްސަސާތަކުގެ މުހިންމު މަސައްކަތްތަކާ ގުޅޭ ސިއްރުތައް ހިފެހެއްޓުމަކީ އަމާނާތެއްކަމަށް ބަޔާންކުރަމުން، އޮފީހުގެ ސިއްރުތައް މީސްމީޑިއާގައި ފެތުރުމުން ދުރުހެލިވުމަށް ގޮވާލާފައެވެ.
ޚުޠުބާގައި މުވައްޒަފުންނަކީ މުޖުތަމަޢުގައި އެންމެ މަތިވެރި އަޚްލާޤުން ޒީނަތްތެރިވާންޖެހޭ ބައެއްކަމަށް ބަޔާންކޮށް، ވަޒީފާގެ މައިދާނުން ރީތި އަޚްލާޤީ ސިފަތައް ފެންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ މުވައްޒަފަކީވެސް އެމީހަކު ހެއްދެވި މަޤްޞަދު ހަނދާންކޮށް، އެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތްކުރަންޖެހޭ މީހެއްކަމަށް ފާހަގަކުރިއެވެ.
އަދި ޚުޠުބާާގައި ވަނީ އިސްލާމީ ޝަރީޢަތާއި ވަޟްޢީ ޤާނޫނުގައި ބަޔާންކުރާ މަތިވެރި އަޚްލާޤުގެ ތެރޭގައި އަހުދަށް ރައްކާތެރިވުމާއި ޙަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުން ހިމެނޭކަމަށް ބަޔާންކޮށްފައެވެ. މީގެ އިތުރުން، ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއްކަމަށާއި، މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ޚުޠުބާގައި އިންސާނީ ކަރާމާތާއި ޙައްޤުތަކަކީ ބޮޑުވެގެންވާ އަމާނާތެއްކަމަށް ބަޔާންކުރަމުން، ވަޒީފާދޭ ފަރާތުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، މުސާރައާއި އިނާޔަތްތައް ގަވާއިދުން ދިނުމާއި، ޗުއްޓީއާއި ހުސްވަގުތު ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ނިންމާލަމުން، ޚުޠުބާގައި ވަނީ މުޖުތަމަޢު އުސްމިންތަކަށް ގެންދިއުމަށާއި ނަފްސަށް ހަމަޖެހުމާއި އަރާމު ލިބުމަށްޓަކައި މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.