ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ޢާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދު ޚުޠުބާގައި ޚަޠީބު ވަނީ އިސްލާމްދީނުގައި މުދާ ހޯދުމާއި ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެގޮތުން އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ޙަރާމްކުރައްވާފައިކަމަށް ބުނެފައެވެ.
“މުދަލަކީ ދެ މިޔަލީ ކަނޑިއެކެވެ. އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. އިންސާނާ ޙަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ޙަލާލު ގޮތުގައި ވުނަކޮށްފިނަމަ، އަދި ޙަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެކެވެ,” ޙުތުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި އިތުރަށް ވަނީީ މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތައްކަން ފާހަގަކޮށްފައެވެ.
އަދި ބާޠިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭކަމަށް ބުނެފައިވެއެވެ. “މިއީ ޙަރާމް ކަމެކެވެ. މިއީ އަމާނާތަށް ޚިޔާނާތްތެރިވުމެކެވެ. މިއީ މަކަރާއި ޙީލަތެކެވެ,” ޙުތުބާގައި ބުނެފައިވެއެވެ.
އަދި ބާޠިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުތު ބޭކާރުކުރުންވެސް ހިމެނޭކަމަށާއި، ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެއްކަން ޙުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ވަނީ ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއްކަމަށާއި، އެއީ ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމަށް ބުނެފައެވެ.
“އަދި ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށެވެ. ދުނިޔެމަތީގައި އެކަމުގެ ޢުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ ޢުޤޫބާތުން އެމީހާ ސަލާމަތެއްނުވާނެކަން ކަށަވަރެވެ,” ޙުތުބާގައި ބުނެފައިވެއެވެ.