ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ފަރާތްތަކަށް، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހަށް ތައްޔާރުވަައްޔާރުވަމުންދާ މުސްލިމުން، ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށާއި، ހީވާގިކަމާއެކު ރަމަޟާން މަހަށް އިސްތިޤުބާލުކުރުމަށް ތައްޔާރުވުމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވަނީ ރަމަޟާން މަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރޭވުމަށާއި، ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފުކުރުން އޮތް ކަމެއް ނޫންކަން ދަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައެވެ. އަދި ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތްގަނެ، ރަމަޟާން މަސް ނިމުމުގެ ކުރިން އެ ޒަކާތް ދެއްކުމަށްވެސް ގޮވާލާފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ ދީލަތިކަން އިތުރުކުރުމަށާއި، އޯގާތެރި މަޑުމައިތިރި މީހަކަށް ވުމަށެވެ. އަދި ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވުމަށާއި، ކެތްތެރިކަން އިތުރުކުރުމަށާއި، ދޮގުހެދުމާއި ފުރައްސާރަކުރުމާ ދުރުހެލިވުމަށްވެސް ގޮވާލާފައިވެއެވެ.
“މާތް ނަބިއްޔާ z، ޝަޢުބާންމަހު، ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން، أُسَامَةُ بْنُ زَيْدُ رَضِيَ اللهُ عَنْهُمَا ރަސޫލާ zގެ އަރިހުގައި ސުވާލު ދެންނެވިއެވެ. (يَا رَسُوْلَ اللهِ، لَـمْ أَرَكَ تَصُوْمُ مِنْ شَهْرٍ مِنَ الشُّهُوْرِ مَا تَصُوْمُ شَعْبَانَ، قَالَ: ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيْهِ الْأَعْمَالُ إِلَى رَبِّ الْعَالـَمِيْنَ، وَأُحِبُّ أَن يُرْفَعَ عَمَلِيْ وَأَنَا صَائِمٌ)[1] މާނައީ: “އޭ اللهގެ ރަސޫލާއެވެ! ޝަޢުބާންމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް، އަހަރުގެ އެހެން މައްސަރެއްގައި (ސުންނަތް) ރޯދަފުޅު ހިއްޕަވާ ތަނެއް، ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ރަމަޟާން މަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި މީސްތަކުން އެ މަހަކާ މެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ.” 6 رواه النسائي (٢٣٥٧) وحسنه الألباني في صحيح سنن النسائي (٢٢٢١) “
މީގެ އިތުރުން، ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ގުނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް ކުށްތަކާ ދުރުހެލިކުރުމަށްވެސް ޚުޠުބާގައި ގޮވާލާފައިވެއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ ޞައްޙަ ނޫން ޙަދީޘްތަކަކަށް ވާތީ، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ނުކުރައްވައި ރައްދު ކުރައްވާފައިވާ ޙަދީޘްތަކެއްކަމަށެވެ.



