މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ ރަމަޟާން މަހަށްފަހު ވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި ރަމަޟާން މަސް ނިމިގެންދިޔަ ނަމަވެސް، ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެއެވެ. އަދި މުއުމިނުންނަކީ ހަމައެކަނި ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި އެކަނި ﷲއަށް އަޅުކަންކުރާ ބައެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
“ރަމަޟާން މަސް އަހަރެމެންނާ އަލްވަދާޢުކިޔަނީއެވެ. ނަމަވެސް އެ މަހުގެ ވެރި الله ދިރިދެމިވޮޑިގެންވެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމެވެ،” މިފަދައިން ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ޝައްވާލު މަހުގެ 6 ރޯދައިގެ މުހިންމުކަން ފާހަގަކޮށް، މުޅި އަހަރު ދުވަހުގެ ރޯދައިގެ ޘަވާބު ލިބޭނެކަން ބަޔާންކޮށްފައިވެއެވެ. އަދި ރަމަޟާން މަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް، އޭގެ ތެރޭގައި ފަރުޟު ނަމާދުތަކާއި ޤުރުއާން ކިޔެވުން ފަދަ ކަންކަން އެ މަހަށްފަހުގައި ވެސް ދެމެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން، ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން އަޅުކަމެއް ދޫވެއްޖެނަމަ، އެކަމާ ހިތާމަނުކޮށް ވީހާވެސް އަވަހަކަށް އެ އަޅުކަން ފުރިހަމަކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
اِبْنُ عَبَّاس رَضِيَ اللهُ عَنْهُمَا ގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (فَرَضَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِيْنِ( [1] މާނައީ: “ރޯދައަށް ހުރެ ދެއްކޭ ބާޠިލު ވާހަކަތަކާއި ކުރެވޭ ނުރަނގަޅު ކަންކަމުން، ރޯދަވެރިންނަށް ޠާހިރުކަމެއްގެ ގޮތުގައްޔާއި، މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި، ރަސޫލު الله z ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ.”
[1] رواه أبو داود (١٦٠٩) وابن ماجه (١٨٢٧) وحسنه الألباني في إرواء الغليل (843).
އަދި ޚުޠުބާ ނިންމާލާފައިވަނީ ރަމަޟާން މަހާ ވިދިގެން އަންނަ ފިޠުރު ޒަކާތުގެ މުހިންމުކަން ފާހަގަކޮށް ތިމާއާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ފިޠުރު ޒަކާތް ނެރުމަށް އަވަސްވެގަތުމަށް ނަސޭހަތްތެރިވަމުންނެވެ.