މުސްލިމް ޒުވާނުން އިސްލާމްދީނާއި އިސްލާމީ ޝަރީޢަތާ ގާތްކުރުމަށް މަސައްކަތްކުރުމަކީ މިވަގުތު އިސްލާމީ އުންމަތަށް ލިބިފައިވާ އެންމެ ފަހި ފުރުސަތު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާ ޙާއްސަކޮށްފައިވަނީ “ރަނގަޅު މުޖުތަމައެއް ބިނާކުރުން” މި މައުޞޫއުއަށެވެ.
ޚުޠުބާގައި އިތުރަށް ފާހަގަރި ގޮތުގައި، އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި ފުރިހަމަކަމާ މެދު ޒުވާނުން ހޭލުންތެރިކުރުވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. “އިސްލާމީ ޝަރީޢަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަހަރެމެންގެ ޢަޤީދާއާއި، އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވެފައިވާކަން” ޚުޠުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، އިސްލާމްދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުސްލިމުންނާއި އިސްލާމްދީނާ މެދު ދޮގު މަޢުލޫމާތު ފަތުރައި، ޝައްކުތައް އުފައްދަމުންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ތަޢުލީމީ ދާއިރާއަށާއި ކުޑަކުދިންގެ ތަރުބިއްޔަތަށް ކުރަމުންދާކަންވެސް ފާހަގަކުރިއެވެ.
ޚުޠުބާގައި ބުނިގޮތުގައި އުންމަތުގެ މުސްތަޤުބަލު އުޖާލާވާނީ، އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމަޢުގެ އެންމެހައި އަފުރާދުން ފުރިހަމައަށް ބައްޓަންވެގެން ކަމަށެވެ. އަދި ޅަފަތުގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކާއި ޝަރީޢަތުގެ ފުރިހަމަކަން ދަރިންގެ ހިތްތަކުގައި ބިންވަޅުނެގުމުގެ މުހިންމުކަންވެސް ފާހަގަކުރިއެވެ.
އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާކުރެވިއްޖެނަމަ އެ މުޖުތަމަޢަކަށް މިނިވަންކަމާއި، އަމާންކަމާއި، ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެކަން ޚުޠުބާގައި ބުނެފައިވެއެވެ.