މިއީ ތަފާތު ރަހަތަކަށް ލޯބިކުރާ ދީމާގެ އެންމެ ހާއްސަ އެއްކަމެވެ. އެކ ކަހަލަ ކާއެއްޗެހި ރަހަބެލުމަށް ފަހު އެއަށް ރިވިއުދިނުމަކީ ދީމާ ކުރާހިތުން ކުރާ ކަމެކެވެ.
ދީމާގެ ނަމުގައި އިންސްޓަގްރާމްގައި ހިންގާ ފުޑް ބްލޮގްއަކީ ދީމާ ކާއެއްޗެއްސަށްހިތްދެވުމުގެ އަސްލެވެ. ރެސްޓޯރަންޓްތަކުން ތަފާތު ކާއެއްޗެހީގެ ރަހަބަލަމުން ފެށި މި ބްލޮގްގައި ދީމާގެ އަމިއްލަ ރެސިޕީތައްވެސް މިހާރު ފެންނަން އެބަހުއްޓެވެ.

ފުޑް ބްލޮގެއް ހެދުމުގެ ޝައުގުވެރިކަން ދީމާގެ ފުރަތަމަ އުފެދުނީ 2018 ވަނަ އަހރުގަ އެވެ. އެދުވަހު ރެސްޓޯރަންޓުން އޯޑަރ ދިން ކާއެއްޗެހީގެ ފޮޓޯ ސޯޝަލް މީޑިޔާއަށް ދޫކޮށްލުމަކީ ދީމާގެ ފުޑް ބްލޮގްގެ ފެށުމެެވެ.
އޭގެފަހުން ކޮވިޑް-19ގެ ރާޅު ރާއްޖެއަށް ބިންދާލުމާއެކު ދީމާގެ ދިރިއުޅުން ވެސް ގޭގެ ހަތަރުފާރުގެ އެެތެރޭގައި ބަންދުވިއެވެ. އެވަރުންވެސް ކާއެއްޗެއްސަށް ދީމާގެ ހިތުގައި އޮތް ލޯބި ކުޑައެއް ނުވިއެވެ. ބްލޮގްގެ މަސައްކަތް އިތުރަށްވަރުގަދަކުރަން ދީމާ އެފަހަރުވަނީ ބަދިގެ އަށެވެ.

ގިނަ ބައެއްގެ އެދުމާއެކު ދީމާގެ އަމިއްލަ ރެސިޕީތައް ވެސް ބްލޮގުން މިހާރު ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ކުރީގެ ރެސިޕީތަކަށް ދީމާގެ އަމިއްލަ ވައްޓަފާޅި ގެނެސްފައިވެއެވެ. އަދި މި ބަދަލު ގިނަ ބަޔަކު ބަލައިގަންނަކަން ވެސް ދީމާވަނީ ފާހަގަކޮށްފަ އެވެ.
ދީމާގެ ފުޑްބްލޮގް ހާއްސަވާ އަނެއް ސަބަބަކީ ރެސިޕީތައް ފަސޭހަވުމެވެ. ދީމާ ބުނިގޮތުގައި އަބަދުވެސް ރެސިޕީއެއް އާއްމުންނާއި ހަމަޔަށް ގެންނައިރު ރާއްޖެއިން ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗަކަށް ރެސިޕީ ހެދުމަށް އަބަދުވެސް އިސްކަމެއްދޭކަމަށެވެ.

“ކޮރެއަން ޑިޝް ހަދާއިރު އެއްޗެހި ނުލިބޭތީ އެންމެ އުނދަގޫވަނީ. އެހެންވެ ރެސިޕީތަކުގައި ވެސް ވީހާވެސް ސިމްޕަލް އެއްޗެހި ހިމަނަން މަސައްކަތް ކުރަން.”
މީގެއިތުރުން ގިނައިރުން ތައްޔާރުކުރެވޭ ބާވަތެއްގެ ބަދަލުގައި ލުއިއެއްޗެއް ތައްޔާރުކުރުމަށް ވެސް ދީމާ އިސްކަމެއް ދެއެވެ.

މިއަހަރުގެ ރަމަޞާންމަހަށް ހާއްސަކޮށް ހިރާސް އޮންލައިނުން ގެނައުމަށް ހަމޖެހިފައިވަނީ ދީމާގެ ރެސިޕީތަކެވެ. މީގެތެރޭގައި ފޮނި، އަދި ކުޅި ފަސޭހައިން ތައްޔާރުކޮށްލެވޭ ގިނަ ރެސިޕީތަކެއް ހިމެނޭނެ ކަމަށް ދީމާވަނީ ބުނެފަ އެވެ.
ރަމަޞާންމަހަށް ހާއްސަ ރެސިޕީތައް ދީމާ ތައްޔާރުކޮށްފައިވަނީ ބްލޮގް މެދުވެރިކޮށް އާއްމުންގެ ހިޔާލާވެސް އެކުގަ އެވެ. ގިނަ އަދަދަކަށް މީހުން ފޮލޯކުރަމުންދާ ދީމާގެ ބްލޮގުންވެސް ގިނަ ރެސިޕީތަކެއް ފެންނާނެކަމަށް ދީމާ ބުނެއެވެ.

ރާއްޖޭގައި މިހާރު ގިނަ ފުޑް ބްލޮގަރުން އުޅޭއިރު ކުރިން އަމިއްލަ ރެސިޕީތައް ޕަބްލިކް އާ ހިއްސާކުރުމަށް ގިނަ މީހުން ޖެހިލުންވާކަން ދީމާވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް މިހާރު ގިނަ މީހުންގެ ރެސިޕީތައް އެހެންމީހުންނާ ހިއްސާކުރުމަކީ މިކަމަށް ލިބުނު ކުރިއެރުމަކާއި އެހާ އުފާކުރާކަމެއް ކަމަށް ދީމާވަނީ ބުނެފަ އެވެ.
ދީމާގެ މިހާރު އެންމެ ބޮޑު އުއްމީދަކީ ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ތަފާތު ރަހަތަައް ތަޖުރިބާ ކޮށްލުމެވެ.
ދީމާގެ ރެސިޕީތައް ބަލާލާ ޓުރައި ކޮށްލަން ބޭނުންނަމަ ދީމާގެ އިންސްޓަރގްރާމް އެކައުންޓް ފޮލޯކޮށްލާށެވެ!