އާތު މިސް އޭ ބުނުމުން ނޭނގޭނެ މީހަކު މަދުވާނެ އެވެ. އިންސްޓަގްރާމްގައި ތަފާތު މަޖާ ގޮތްގޮތަށް ދަރިފުޅަށް އުނގަންނައިދިނުމުގެ ވައްޓަފާޅިތައް ހިއްސާކުރަމުން އަންނަ މި މަންމައަކީ ގިނަ މައިންނަށް ހުރި ނަމޫނާ އެކެވެ.
ސ. ހިތަދޫއަށް އުފަން އާސިޔަތު ސައީދު ނުވަތަ އާތު މިސްއަކީ މަންމައަކަށް ވުމުގެ ކުރިންވެސް މުދައްރިސެކެވެ. ގާތްގަނޑަކަށް 10 އަހަރު ތައުލީމީ ދާއިރާގައި ހޭދަކުރުމަށްފަހު، އަލަތު އާއިލާއެއް ފެށުމަށް ނިންމި ހިސާބުން އާތު މިސްގެ ހުރިހާ ވަގުތެއް އެ އާއިލާއަށް ހުސްކުރުމަށް ނިންމި އެވެ.
އާތު މިސްގެ ދަރިފުޅަކީ މި އިންސްޓަރގްރާމް ޕޭޖު އުފަންވުމަށް މެދުވެރިވި ސަބަބެވެ. ދަރިފުޅާއެކު މި ދަތުރު ފެށުމަށް އާތު މިސް އަށް އެންމެ ބޮޑަށް އެހީވީ ދަރިފުޅު އެންމެ ތުއްތުއިރުއްސުރެ ފެށިގެން ކިޔައިދެމުން އަންނަ ވާހަކަތަކުގެ ސަބަބުންނެވެ. އެ ވާހަކަތައް ކިޔައިދޭ ވަގުތު ދަރިފުޅުގެ ސަމާލުކަން ލިބުމަކީ އިތުރު އެއްޗެހި ދަރިފުޅުަށް އުނގަންނައިދިނުމަށް އާތުމިސްއަށް ލިބުނު ހިތްވަރެކެވެ


ދުރުދުރުންވެސް ޓީޗަރަކަށް ވުމުގެ އުއްމީދެއް ނުކުރަން!
ރަށު ސްކޫލްގައި ތައުލީމު ހާސިލްކޮށް އޯލެވެލް ނިންމާލިއިރުވެސް ޓީޗަރަކަށް ވުމަކީ އާތު މިސް އުއްމީދު ކުރި ކަމެއް ނޫނެވެ. އެހެންނަމަވެސް އޯލެވެލް ނިމުމާއެކު ސ. ހިތަދޫ ސްކޫލްގައި އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާ އަދާކުރުމަށް ލިބުނު ފުރުސަތަކީ އާތު މިސް ބުނާގޮތުން އެ ކެރިއަރުގެ ބިންގަލެވެ. އޭގެފަހުން ފެކަލްޓީ އޮފް އެޑިއުކޭޝަނުން ޕްރައިމަރީ އޮފް ޓީޗިންގ (އިންގްލިޝް މީޑިއަމް) ފުރިހަމަކުރުމަށްފަހު އާތު މިސްވަނީ އިސްކަންދަރު ސްކޫލްގައި 9 އަހަރުވަންދެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
“އާއިލާއެއް ފެށި ހިސާބުން ބޭނުންވީ އާއިލާއަށް ވަގުތު ހުސްކުރަން. އެހެންވެ ވަޒީފާ ދޫކޮށްލީ”
މިއީ މަންމަ އަދި ދަރިފުޅާއި ދެމެދު އޮތްގުޅުން އެންމެ ބޮަޑަށް ވަރުގަދަވި އެއް ސަބަބު ކަމަށްވެސް އާތުމިސް ދެކެއެވެ.ދަރިފުޅާއެކު މި ދަތުރު ފެށުމަށް އާތު މިސް އަށް އެންމެ ބޮޑަށް އެހީވީ ދަރިފުޅު އެންމެ ތުއްތުއިރުއްސުރެ ފެށިގެން ކިޔައިދެމުން އަންނަ ވާހަކަތަކުގެ ސަބަބުންނެވެ. އެ ވާހަކަތައް ކިޔައިދޭ ވަގުތު ދަރިފުޅުގެ ސަމާލުކަން ލިބުމަކީ އިތުރު އެއްޗެހި ދަރިފުޅުަށް އުނގަންނައިދިނުމަށް އާތުމިސްއަށް ލިބުނު ހިތްވަރެކެވެ.


އާތު މިސް ޕޭޖް ހެދުމުގެ މާކުރިންވެސް ދަރިފުޅަށް ތަފާތު އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން އާތު މިސް ދިޔައީ ކިޔަވައިދެމުންނެވެ. އެގޮތުން އެކްޓިވިޓީ ބޭސްޑް ގޮތަށް އެންމެ ފުރަތަމަ ތާނަ އަކުރު، ނަމްބަރު އަދި އިނގިރޭސި އަކުރުތައް ދަސްކޮށްދޭން ފެށިއެވެ. މި އެކްޓިވިޓީތަކަށް ބޭނުންވާ ތަކެތި އާތު މިސް ތައްޔާރުކުރަމުން ދިޔައީ ގޭތެރެއިން ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންނެވެ.
ދަރިފުޅަށް މަޖާ މާހައުލެއްގެ ތެރެއިންވެސް އާތު މިސްގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ދަރިފުޅަށް ތާނަ ދަސްކޮށްދިނުމެވެ. މިކަން ކުރާނެ ގޮތްތަކަކީ އަމިއްލައަށް ވިސްނައިގެން ހޯދާ ގޮތްތަކެއް ކަމަށް އާތު މިސްވަނީ ބުނެފަ އެވެ.

އަދި މިކަން މިހާ ފުރިހަމަކޮށް ކުރެވެނީ ފިރިމީހާ އާއި ވަރަށް ގާތް ރަހްމަތްތެރިއެއްގެ އެހީތެރިކަމާއި އަދި އެންމެންގެ ފަރާތުން ލިބޭ ހެޔޮ ދުއާއި އެކުގައި ކަމަށް އާތު މިސްވަނީ ބުނެފަ އެވެ.
ކިތަންމެ ބޮޑު ވިޔަސް ދަރިންނަށް ކިޔާދޭންވީ ވާހަކަ!
މިއީ އާތު މިސްގެ ފަރާތުން މަންމަމެންނަށް ދޭ އެންމެ ބޮޑު ނަސޭހަތެވެ. ދަރިފުޅު ކިތަންމެ ބޮޑުވިޔަސް އެކި ކަހަލަ ވާހަކަ ފޮތް ކިޔައިދިނުމަކީ ކުދިންގެ ކިޔުމުގެ ހުނަރާއި އަދި ސިކުނޑިވެސް ވަރަށް ބޮޑަށް ތަނަވަސްވާ ކަމެއްގެ ގޮތުގައި އާތު މިސް ދެކެއެވެ.
“އަހަރެެމެންގެ ދަރިންނަށް އެންމެ ތުއްތުއިރުއްސުރެން ފެށިގެން ވެސް ވާހަކަ ފޮތް ކިޔައިދޭންވީ. ދުވާލަކު އެއް ފަހަރު ވިޔަސް މިގޮތަށް ކިޔައިދޭނަމަ ކުދިންގެ ކިޔެވުމުގެ ވަރަށް ގިނަ ކަންކަން ރަނގަޅުވާނެ”
އާތު މިސް ޕޭޖުން ފެންނަން ހުރި މިފަދަ ހުރިހާ މަސައްކަތަކީ ވެސް ދަރިފުޅަށް އުނގަންނައިދިނުމަށް އާތު މިސްކޮށްފައި ހުރި މަސައްކަތްތަކެވެ. މިއީ ވިޔަފާރިއެއްގެ ގޮތަށް އާތު މިސްކުރާ ކަމެއް ނޫނެވެ. އޭގެބަދަލުގައި ބޭނުންވަނީ މި އެއްޗެހީގެ އެހީގައި މަންމައިންނަށް އާ އުކުޅުތަކެއް ދަސްވުންކަމަށް އާތު މިސްވަނީ ބުނެފަ އެވެ.
މިހާރު ގްރޭޑް އެކެއްގައި އުޅެމުންދާ ދަރިފުޅަށް މި ހުރިހާ ދުވަސްވަންދެން އާތު މިސް ކިޔަވައިދެމުން އައީ އެކި އެކްޓިވިޓީތަކުގެ އެހީގަ އެވެ. އޭރު ފަންސޫރު ދީގެން ލިޔަން ދަސްކޮށްދޭން މާބޮޑު މަސައްކަތެއް ނުކުރެ އެވެ. އަދި ދަރިފުޅު ފުރިހަމައަށް ތައްޔާރު ވެވިއްޖެކަން ޔަގީންވުމުން ދެން ދަރިފުޅު އަތަަށް ފަންސޫރު ދިނުމުން އެވީ ފެން މެޓަލަށް ކަމަށް އާތު މިސް ބުންޏެވެ.
“އެންމެންވެސް ވަރަށް ކަންބޮޑުވޭ ސްޕެލިން އާ ދޭތެރޭ. އެކަމަކު އާތު މިސް ޤަބޫލުކުރާ ގޮތުގައި ސްޕެލިން އަކީ ކިޔައިގެން ހިތުދަސްކުރަން ޖެހޭ އެއްޗެއް ނޫން”.
މިއީ ކިޔަވައިދިނުމުގައި ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ އާތު މިސް ދެކޭ ގޮތެވެ.
މިހާރު އާތު މިސްގެ އެންމެ ބޮޑު އަމާޒަކީ ދަރިފުޅަށް އަރަބި ދަސްކޮށްދިނުމެވެ. އެގޮތުން އަރަތާއި އަދިވެސް އެހެން ގޮތްގޮތަށް އަރަބި ދަސްކޮށްދޭ ގޮތްތަކުގެ ފޮޓޯތައް އާތު މިސްދަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެެވެ.
މި ރޯދަ މަހާއި ދިމާކޮށް އާތު މިސްް ޕޭޖާއި ޓައިނީ ޓޮޓްސް ގުޅިގެން ވަނީ ބޮޑު ގިވްއަވޭއެއް ދިނުމަށްވެސް ނިންމާފަ އެވެ. ޖުމްލަ 30 ހަދިޔާ ހިމެނޭ މި ގިވް އަވޭގައި ޓައިނީ ޓޮޓްސްގެ ވާހަކަ ފޮތްތަކާއި އެކި ކަހަލަ އެކްޓިވިޓީ ސެޓް ހިމެނޭނެކަމަށް އާތު މިސްވަނީ ބުނެފަ އެވެ.
ދަރިފުޅުގެ އުމުރަށް އަންނަ ބަދަލާއެކު މިހާރު އާތު މިސްގެ ކިޔަވައިދުމުގެ ގޮތްތަކަށްވެސް ކޮންމެވެސް ވަރަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މިހާރު ބޮޑަށް ކުރިއަށް ދަނީ ދަރިފުޅު އަމިއްލަައަށް ކުރާ މަސައްކަތްތައް ކަމަށް އާތު މިސްވަނީ ބުނެފަ އެވެ.
“ސަޕްރައިޒަކަށް އެކްޓިވިޓީއެއް ހެދިޔަސް ވަރަށް މިހާރ ވަރަށް އަވަހަަށް ނަގައިގަނޭ މީ ކިހިނެތް ވާ އެކްޓިވިޓީއެއް ކަން. އެ ޑްރިލް އެނގޭ މިހާރު.”
އާތު މިސްގެ މި ދަތުރު ވެފައި މިވަނީ ގިނަ މަންމައިންނަށް މިސާލަކަށެވެ. މިފަދަ ލިޔުމަކުން ބުނެދޭވަރަށްވުރެ އާތު މިސްގެ އުނގު މާ މުއްސަންޖެެވެ. އެ އުނގުން މިއަދު ދަރިފުޅަށް ދަސްކޮށްދޭ ކޮންމެ އަކުރަކީ ވެސް މަންމައެއްގެ ގޮތަށް އާތު މިސް ފެށި މި ދަތުރުގައި ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށް ދެކެވެ އެވެ.