- Advertisement -ad image

މާލެ ސިޓީގެ ގުރުއާން އަދި މަދަހަ މުބާރާތް ވަރަށް ފުރިހަމަ، ބެލެނިވެރިންގެ ޝުކުރާއި ތައުރީފު!

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އާއްމުކޮށް ހުޅުވާލައިގެން ގުރުއާން މުބާރާތާއި އަދި މަދަހަ މުބާރާތް ބާއްވަމުން އަންނަތާއި ދެ އަހަރުވީއެވެ. މުބާރާތަށްލިބެމުންދާ ތަރުހީބު އެނގިގެންދިޔައީ މިދިޔަ އަހަރާއި އަޅާބަލާއިރު ބައިވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެން ދިއުމެވެ.
މޭޔަރު ޑރ މުހައްމަދު މުއިއްޒުގެ ސީދާ އިސްނެންގެވުމުގެ މަތިން ފަށައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކުގެ ރެކޯޑިން ކޮންމެ އަހަރުވެސް ދުރާލާ ހަދައެވެ. މި މުބާރާތް މިހާ ފުރިހަމަވާ އެއް ސަބަބަކީވެސް މިއީއެވެ. ދެ މުބާރާތަަށް ބަލާއިރު ހަ އަހަރުގެ އުމުރުފުރާއިން ދަށުގެ ކުދިންގެ މެދުގައި ވަނަ ހޮވުމެއް ނޯވެއެވެ. ނަމަވެސް މި އުމުރުފުރާގެ ހާއްސަ ކަމަކީ ކިޔަވާ ނިމުމުން މުބާރާތުގައި ބައިވެރިވި ކަމުގެ ސެޓުފިކެޓާއި އިނާމު ކުދިންނަށް ވަގުތުންދޭ ކަމެވެ. އަދި މުބާރާތުގެ ހުރިހާ އުމުރު ފުރާއަކުން ވެސް ބައިވެރިވި ކަމުގެ ސެޓްފިކެޓް ވަގުތުން ދެމުންދިޔައެވެ.
މިމުބާރާތަށް ބެލެނިވެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ކަމަކީ އެއްވެސް ކުއްޖެއް ތަފާތު ކުރުމެއް ނެތި ނިގާބު އަޅައިގެން ކިޔެވުމުގެ ފުތުސަތުވެސް މާލެ ސިޓީކައުންސިލުން ދިނުމެވެ.

“ގުރުއާން އަދި މަދަހަ މުބާރާތުގެ ބައިވެރިންނަށް އިނާމު ދޭން ބޭއްވި އިވެންޓް ވަރަށް ސަޅި. ގައުމީ ގުރުއާން މުބާރާތަށްވުރެ މާ ފުރިހަމަ އިނާމުތައްވެސް ސަޅި” ބެލެނިވެރިއަކު ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ގުރުއާން މުބާރާތުގައި ހަ އުމުރު ފުރާއެއްގައި ކުދިން ކިޔަވާފައިވެއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުން ހުރިހާ ކުދިންނަށް ފުރުސަތު ދީފައިވާތީ ބެލެނިވެރިން ތިބީ ހިތްހަމަޖެހިގެންނެވެ.
ހަތަރު ވަނަ ދައުރުގެ ކައުންސިލުން 1443 ވަނަ އަހަރުގެ ރަމަޟާން މަހު މުޅިން އަލަށްފެށި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 428 ބައިވެރިންނެވެ. އެއީ ޤުރުއާން މުބާރާތުގައި 293 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 135 ބައިވެރިންނެވެ.

ބޮޑެތި އިނާމް ތަކަކާއިއެކު ކައުންސިލުން ފުރަތަމަ ބޭއްވި މުބާރާތާއި އަޅާ ބަލާއިރު މި އަހަރުގެ މުބާރާތުގައި ބައިވެރިވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ އަހަރެކޭ އެއްފަދައިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ދެ މުބާރާތުގައި މިއަހަރު ވަނީ 1060 ކުދިން ބައިވެރިވެފައެވެ. އެއީ ޤުރުއާން މުބާރާތުގައި 756 ބައިވެރިން އަދި މަދަޙަ މުބާރާތުގައި 304 ބައިވެރިންނެވެ.
މިއަހަރުގެ މުބާރާތުގެ ބައިވެރިންނަށް ދިން އިނާމުތަކުގެ ތެރޭގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތައްޓާއި، ކައުންސިލުން ދޭ ހަނދާނީ ލިޔުން، ހަނދާނީ ފިލާ، ކައުންސިލުންދޭ ހަދިޔާ އާއި ކައުންސިލުންދޭ ފައިސާގެ އިނާމްގެ އިތުރުން ލޮޓަސް ފިހާރައިން ދީފައިވާ ހަދިޔާ، އަދި ބައިސްކަލް ހިމެނެއެވެ. މީގެ އިތުރުން ރެޑްވޭވް ގެ ފަރާތުން ހަދިޔާކުރެއްވި ޓީވީ އާއި ސައުންޑް ބަރ ހިމެނެއެވެ.
މީގެ އިތުރުން މި ދެ މުބާރާތުގެ މުޅިމުބާރާތުން ވަނަތަކަށް އައި ކުދިންނަށް އޫރީދޫ އާއި ދިރާގުގެ ފަރާތުންވެސް ވަނީ އަގުހުރި ހަދިޔާ ސްޕޮންސަރ ކޮށްދެއްވާފައެވެ. އެގޮތުން އިނާމެއްގެގޮތުގައި ދިރާގުގެ 50 މެގަބައިޓް 3 މަހުގެ ފައިބަރ ކަނެކްޝަން، އަދި ދިރާގުގެ 50 މެގަބައިޓް 6 މަހުގެ ފައިބަރ ކަނެކްޝަން ހިލޭ ދީފައިވެއެވެ. އަދި އޫރިދޫގެ ފަރާތުން މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ވަނީ ފައިސާފެ އިނާމް ސްޕޮންސަރ ކޮށްދެއްވާފައެވެ. އަދި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ހަދިޔާކުރި އިނާމް ހިމެނެއެވެ.
މުޅި މުބާރާތުގެ ޤުރުއާން ނުބަލާ ކިޔުމުގެ ގޮފިން އަދި ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނައަށް އުރީދޫއިން ވަނީ 20000 (ވިހިހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައެވެ. އަދި މަދަޙަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް 10000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައިވެއެވެ.
މާލެސިޓީ ކައުންސިލުން ވަނީ މުބާރާތުގެ ވަނަތަކަށް އައި ދަރިވަރުންނަށް ފައިސާގެ އިނާމްގެ ގޮތުގައި 3000 (ތިންހާސް) ރުފިޔާއިން ފެށިގެން 25000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދެއްވާފައެވެ.

ބެލެނިވެރިން ބުނަނީ ސަރުކާރުގެ ފަރާތުން އިންތިޒާމު ކުރާ ގައުމީ ގުރުއާން މުބާރާތަށްވުރެ މާލެ ސިޓީ ކައުންސިލުން ނިމިދިޔަ ދެ އަހަރު އިންތިޒާމު ކުރި މުބާރާތްތަކުގެ އިންތިޒާމުތައް ފުރިހަމަވެފައި އިނާމުތައް މާ ސަޅި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ