މެނިންގޯކޮކަލް މެނިންޖައިޓިސް އަކީ ކޮބާ؟
މެނިންގޯކޯކަލް މެނިންޖައިޓިސް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަނެކެވެ. އޭގެ ސަބަބުން ސިކުނޑި އާއި ސްޕައިނަލް ކޯޑް ނިވާވާ މެމްބްރޭންތަކުގައި ނުރައްކާތެރި އިންފްލެމޭޝަން އުފެދެ އެވެ. މިއަށް ކިޔަނީ މެނިންޖަސް އެވެ.
ނީސެރިއާ މެނިންޖައިޓިޑިސް ބެކްޓީރިއާގެ ސަބަބުން ޖެހޭ ކޮންމެ ބާވަތެއްގެ އިންފެކްޝަނަކަށް ކިޔަނީ މެނިންގޯކޯކަލް ޑިޒީޒް އެވެ. އެންމެ އާންމު ދެ ބާވަތަކީ މެނިންގޯކޯކަލް މެނިންޖައިޓިސް އާއި މެނިންގޯކޯކަލް ސެޕްޓިސީމިއާ (ލޭގެ އިންފެކްޝަނެއް) އެވެ.
މެނިންގޯކޯކަލް ބަލިކުރިން އޮތް ވަރަށް ވުރެ މަދުވެފައިވާއިރު، 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވަނީ ވުރެ މަދު އަދަދެކެވެ. ނަމަވެސް އަވަސް ފަރުވާ ނުލިބި ގިނަ ދުވަސްވާނަމަ މި ބަލިން ބޮޑު ގެއްލުމެއް ލިބިދާނެ އެވެ. ސީޑީސީން ބުނި ގޮތުގައި އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ވެސް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދަކަށް މީހުން ސަލާމަތް ކުރެވޭ ކަމަށެވެ. ސަލާމަތްވާ މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކަށް ދިގު މުއްދަތަކަށް ނުކުޅެދުންތެރިކަން ހުންނަ ކަމަށާއި އޭގެ ތެރޭގައި ބީރުވުން، ސިކުނޑިއަށް ގެއްލުންވުން، ނިއުރޮލޮޖިކަލް މައްސަލަތައް އަދި ބައެއް ގުނަވަންތައް ބުރިކޮށްލަންޖެހުން ހިމެނެއެވެ.
މެނިންގޯކޯކަލް މެނިންޖައިޓިސް ޖެހެނީ ކީއްވެ؟
ނެއިސެރިއާ މެނިންޖައިޓިސް ނުވަތަ މެނިންގޯކޮކަސް އަކީ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނަށް ބެކްޓީރިއަލް މެނިންޖައިޓިސް ޖެހުމަށް މެދުވެރިވާ އެންމެ އާންމު ސަބަބެވެ. ބޮޑެތި މީހުންގެ މެދުގައި މިއީ ދެވަނައަށް އެންމެ އާންމު ސަބަބެވެ.
ގިނަ މީހުންގެ ހަށިގަނޑުގައި މި ބެކްޓީރިއާ ދިރިއުޅެނީ ނޭފަތާއި ކަރުގެ ފުރަގަހުގައި އެއްވެސް މައްސަލައެއް ކުރިމަތިކުރުމެއް ނެތި އެވެ. ނޭނގޭ ސަބަބުތަކާ ހުރެ ބައެއް ފަހަރު ހަށިގަނޑުގެ ރައްކާތެރިކަމުގެ ހުރަސްތައް ފަޅާލައި ލޭގެ ތެރެއަށް ވަދެދާނެ އެވެ.
މެނިންގޯކޯކަލް މެނިންޖައިޓިސް ފެތުރެނީ ކުޅާއި ދޮހުގެ ސަބަބުންނެވެ. އެއީ މީހެއްގެ މޫނުގައި ބޮސްދިނުން ނުވަތަ ކެއްސުން ފަދަ ޑައިރެކްޓް ކޮންޓެކްޓެކެވެ. މި ބެކްޓީރިއާ އަކީ ހަށިގަނޑުން ބޭރުގައި މާ ގިނަ ދުވަހު ދިރިނޫޅެވޭ ބެކްޓީރިއާއެއް ކަމުން ބަލި މީހަކު އަތްލާފައިވާ ސަރަޙައްދެއްގައި އަތްލުމުން ބަލި ޖެހުމުގެ ފުރުސަތެއް ނެތެވެ. އެހެންނަމަވެސް މީހުން ގާތުން އުޅޭ ތަންތަނުގައި ފަސޭހައިން ފެތުރޭކަން އެނގެ އެވެ.
ބެކްޓީރިއަލް މެނިންޖައިޓިސް އަކީ ވައިރަލް މެނިންޖައިޓިސްއާ ތަފާތު ބައްޔެކެވެ. އެހެންކަމުން ތިމާއަށް ނުވަތަ ދަރިފުޅަށް ބަލީގެ އަލާމާތްތައް ފެންނަނަމަ، އެއީ ކޮން އިންފެކްޝަނެއްކަން ދެނެގަންނަން ޖެހެއެވެ.
މެނިންގޯކޯކަލް މެނިންޖައިޓިސްގެ ރިސްކް ފެކްޓާސް
މެނިންގޯކޮކަސް ބެކްޓީރިއާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ބަލިވާނީ ވަރަށް މަދު އިންސައްތައެކެވެ. ބައެއް ކަންކަމުގެ ސަބަބުން މިކަން އިތުރަށް ބޮޑުވެ، އޭގެ ތެރޭގައި ހިމެނެނީ:
އުމުރުން ދުވަސްވުން (65 އަހަރުން މަތީގެ މީހުންނަށް ނުރައްކާ ބޮޑު)
އުމުރުން 1 އަހަރު ނުވާ ތުއްތު ކުދިން
އުމުރުން 16 އަހަރާއި 23 އަހަރާއި ދެމެދުގެ ކުދިން
އެހެން ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން
ދާއިމީ ބޭހެއް ކާން ޖެހޭ މީހުން
ބަލި ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅުން
މެނިންގޯކޯކަލް މެނިންޖައިޓިސްގެ އަލާމާތްތައް
މެނިންގޯކޮކަލް އިންފެކްޝަނެއް ވަރަށް އަވަހަށް ގޯސްވެދާނެތީ އަލާމާތްތައް ފެނުމުން ވަގުތުން ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ.
މެނިންގޯކޯކަލް މެނިންޖައިޓިސްގެ އެންމެ އާންމު އަލާމާތްތަކަކީ:
ކުއްލިއަކަށް ގަދަޔަށް ހުން އައުން
ވަރަށް ގަދަޔަށް ބޮލުގައި ރިއްސުން
ކަނދުރާ މަސްގަނޑު ހަރުވުން
އޮޅުން ބޮޅުންވުން ނުވަތަ އެނޫންވެސް ނަފްސާނީ ބަދަލުތައް
އެހެނިހެން އަލާމާތްތަކުގެ ތެރޭގައި:
— ވަރުބަލިވުން
— ބޮލުގައި ރިއްސުން
— ގަދައަލިން އުނދަގޫވުން
ނިދި އައުން ނުވަތަ ހޭލަން އުނދަގޫވުން
— ޖޮއިންޓް ނުވަތަ މަސްތަކުގައި ރިއްސުން
— ކާހިތް، ފެން ބޯ ހިތް ނުވުން
ތުއްތު ކުދިންގެ ކިބައިން ފެންނަ ބަލީގެ އަލާމާތްތައް ތަންކޮޅެއް ތަފާތެވެ.
— ބޮލުގައި މަޑު ތަންކޮޅެއް ހުރުން
— އަޑުވީއްލާ ރުއިން
— ހެލިފެލިވެ އުޅެން ދަތިވުން
— ރުޅިގަދަވުން
— މަޑުމައިތިރިވުން ނުވަތަ މާގިނައިން ނިދި އައުން
— ހޮޑުލެވުން
— ނުކެވުން
މެނިންޖައިޓިސް އިން ރައްކާތެރިވުމަށް ކުރެވެން ހުރި އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. އެއާއި އެކު ބަލާ ރައްކާވެ، ސާފުތާހިރުކަން އިސްކުރުން މުހިންމެވެ. އަދި ދުޅަހެޔޮ ހަށިގަނޑެއް ބިނާކުރުމަކީވެސް މުހިންމެ އަދި އެހާމެ ބޭނުންތެރި ކަމެކެވެ. މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނާއި މި ބަލީގެ އަލާމާތްތަކަށް ފަރުވާވެ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުން މުހިންމެވެ.