ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެއެވެ. އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ. އަދި ހާއްސަކޮށް މަސްވެރި ރަށްރަށުގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް އަދި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ ބައްލަވައި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ގދ ފިޔޯރި
ފިޔޯރީގައި މަސްކިރާ ކާރުހާނާއެއް ޤާއިމްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުހާނާގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކޮށް، 2 މަހެއްހާދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޔޯރީގައި ގާއިމްކުރައްވާ މަސްކިރާ ކާރުހާނާގައިި 100 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ކެޕޭސިޓީއާއި 3000 ޓަނުގެ މަސް ފިނިކުރާ ކޯލްޑް ސްޓޯރޭޖް ހުންނާނެކަމަށެވެ. އަދި 100 ޓަނުގެ ފިޝް މީލް އަދި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ކާރުހާނާގައި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޗައިނާގެ ކުންފުންޏަކާއި ގުޅިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި އަދި އެންމެ ލަސްވެގެން އަންނަ ފެބްރުއަރީމަހު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. މަސްވެރިކަމުގެ ސިނާއަތަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއް ސިނާޢަތްކަމަށާއި، އެއީ ދިވެހި އެތައް ޢާއިލާއަކާއި ގުޅިފައިވާ ސިނާއަތެއްކަމަށް ވަނީ ފާހަހަކުރައްވައިފައެވެ.
ގއ. ދެއްވަދޫ
ގއ ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއިން ބޭރުން އަންނަ ލޮޅުންތަކުގެ ހިރާސް އެންމެ ކުޑަ ސިނާޢަތްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ރަނގަޅަށް މަސައްކަތްކޮށްފިނަމަ އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާދާރަށް ހެދިދާނޭކަމެއް ކަމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދިވެހިންގެ އަމިއްލަ އަތް މަތީގައި އޮތް، ރައްޔިތުންގެ މުއްސަނދިކަން އިތުރުކޮށްދެވޭނޭ ސިނާޢަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި ގއ. ދެއްވަދޫ އައިސްޕްލާންޓްގެ މަސައްކަތް ހުއްޓިފައި ހުންނަތާ 3 އަހަރު ވެފައި ވާ ކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައިސްޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. ހަމަ އެއާއެކު އިތުރު އައިސްޕްލާންޓެއް ގެނެސް އޮޕަރޭޝަންތައް ފެށުމަށް ފިޝަރީޒް މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މަސްވެރިންނާ ގުޅުންހުރި މަސައްކަތްތައް ބައްޓަންކުރައްވަމުން ގެންދަވާނީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިގެން، މަސްވެރިންގެ ޚިޔާލާއެކުގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދަތުރު ނިންމާލުމުގެ ކުރިން ރައީސުލްޖުމުހޫރިއްޔާވަނީ ކޫއްޑޫއަށް ވަޑައިގެން ކޫއްޑޫގައި ތިބި މަސްވެރިން އަދި އެތަނުވެ މެނޭޖްމެންޓާއި ބައްދަލުކުރައްވައިފައްވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޫއްޑޫގައި ތިބި މަސްވެރި އުޅަނދުފަހަރަށް ޒިޔާރަތްކުރައްވައި، އުޅަނދުފަހަރުގައި ތިބި މަސްވެރިންނާ ސީދާ ބައްދަލުކުރެއްވިއެވެ. މަސްވެރިން ފާޅުކުރެއްވީ، ސަރުކާރުން ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމުގެ ކަންތައް ފުރިހަމަކޮށްދެއްވާފައިވާތީ އެކަމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެބޭފުޅުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރު ޝިޔާމްވަނީ ބައިވެރިވެވަޑައިގަނެފައެވެ.
![ad image](https://hiraas.com.mv/admanager/upload/ads_8.gif)