ރާއްޖޭގެ އިގްތިސާދު ގޯހުން ގޯހަށް ދަނީ ކަމަށް އިގްތިސާދީ ކިތައް މާހިރުން ވިދާޅުވި ހެއްޔެވެ؟ އެއްވެސް ހަމައެއް ނެތި ފައިސާ ޗާޕު ކުރަންފެށުމުން ގައުމުގެ ދަރަނި ބޮޑުވެ ރިޒާރވު ހުސްވެދާނެ އޭ އޭރުވެސް ތަންދޮރު އެނގޭ ކިތައް މީހުން ބުނި ހެއްޔެވެ. އެހެންނަމަވެސް ސަރުކާރުން މިއިން ކޮންމެ ވާހަކައަކަށްވެސް ދިނީ ބީރު ކަންފަތެކެވެ.
ތިމާމެނަށްވުރެ މޮޅަށް އިގްތިސާދު އެނގޭ، ދަންނަ ބަޔަކުވެސް ނެތޭ ހިތައިގެން އެންމެ ފަހުން ރިސޯޓްތަކުން ދައުލަތަށްލިބޭ އާމްދަނީ ކުޑަކުރަންވެސް މަޖިލީހަށް ހުށައެޅީއެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދު މި ބަސް ކިޔަން އިނގޭ މީހަކު ވިއްޔާ ގޮވީ ހޯހޯހޯ އޭ ތިޔަ ހަދަނީ އަތުން ފައިން ގޯހެއް ކަމަށެވެ.
ނަމަވެސް ޓުއަރިޒަމް މިނިސްޓަރު މައުސޫމުވެސް ވިދާޅުވީ، މިހާރު ދައުލަތަށް އާމްދަނީ ހޯދުމުގެ މަގަކީ ރިސޯޓު ބިމުކުލި ނޫން ކަމަށާއި، ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދުރު މުސްތަގުބަލުގައި ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.
އެހެންނަމަވެސް ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ކުޑަކޮަށްފިނަމަ އަހަރަކު 32 މިލިއަން ޑޮލަރު ދައުލަތަށް ގެއްލޭނެ ކަމަށް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. އެހެންވީމާ ޓުއަރިޒަމް މިނިސްޓަރުގެ ވާހަކަފުޅު ބައްޓަން ކުރެއްވީ ކޮން ދިރާސާއެއްގެ މައްޗަށް ބެއްލެވުމަށްފަހު ކަމެއް ނޭންގެއެވެ.
ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވަނީ ދައުލަތް ބަނގުރޫޓުވާން ނޫޅޭ ކަމަށެވެ. ސަބަބަކީ 800 މިލިއަން ޑޮލަރު ރިޒާވުގައި ހުރުން ކަމަށްވެސް ވިދާޅުވިއެވެ. ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނާއި ލޯނު ހޯދުމުގެ ދަތިކަން ބޮޑުވަމުން އަންނަ އިގްތިސާދީ މައްސަލަތަކުގެ ތެރޭގައި ރިޒާވް މަދުވެ ލޯނު ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެމެރިކާގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަން އިން ވެސް ވަނީ އިއްޔެ ބުނެފައެވެ. ނަތީޖާއެއްގެ ގޮތުން މާރޗް 29 ވަނަ ދުވަހު މަޖިލީހަށް ފޮނުވި ޓުއަރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ރިސޯޓްތަކުން ނަގާ ބިމު ކުލީގެ އިސްލާހު ވަގުތުން ވަގުތަށް އަނބުރާ ގެންދިޔައީއެވެ. އޭރުވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ މިއީ ކަމުދާ އިސްލާހެއް ނޫން ކަމަށް ބުނަމުންނެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިވެސް ސަރުކާރުގައި އިސްކޮށްތިބި ބައެއްގެ ޖީބު ބޮޑުކުރަން ހިތުލައި ފޮނުވި މޮޅު އިސްލާހެކެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި މިފަދަ ބޭންކްތަކުގެ ބުނުންތައް ބޮލާލައި ޖަހަން ނުކެރިގެން މިވަގުތަށް އިސްލާހު ފޮނުވާލީއެވެ. މާނައަކީ އަދިވެސް މި އިސްލާހު މަޖިލީހަށް ފޮނުވުމުގެ ވިސްނުން ސަރުކާރުގައި ހުރި ކަމެވެ.
ކޮންމެ ކަމެއް ކުރުމުގެ ކުރިން ގައުމާއި ރައްޔިތުންނާއި ދޭތެރޭ ވިސްނާލާނަމަ ކޮންމެ ކަމެއް އަތަށް ނުގޮވަނީސް ގައިމު ސަލާމަތް ވާނެ ނޫންތޯއެވެ.