ފިއޯނާ މޯލްޑިވްސްގެ އިންސްޕިރޭޝަން ފެށުނީ ފިއުރީން (ފިއު)ގެ ކުޑައިރުގެ ހަނދާންތަކުންނެވެ. އޭނާ ބޮޑުވީ އޭނާގެ ދެ މާމަ ރިހާކުރު، ކާށި ތެޔޮ އަދި ފަންގިވިނުން ފަދަ ދިވެހި ތަކެތި ބޭނުންކޮށްގެން ހުނަރުވެރިކަމާއެކު ކުރަމުންދިޔަ މަސައްކަތްތައް ބަލަމުންނެވެ. މާމަމެންގެ ހިތްވަރު އޭނާގެ ހިތުގައި އަޒުމް ކަނޑައެޅީ އެއްދުވަހަކުން ހަމައެފަދަ އުފެއްދުންތެރި މަސައްކަތެއްކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ.
އެގޮތުން ރިސޯޓު ދާއިރާގައި މަސައްކަތްކުރަމުންދިޔައިރު އަމިއްލައަށް ކެންޑަލް (އުއްބައްތި) ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތާއި ޖާގަ ނެތުމާއެކު، ފަހުން އަމިއްލައަށް ތައްޔާރުކުރުމުގެ ވިސްނުމާއެކު ކޮކަނަޓް ކެންޑްލް ރީޓެއިލަރެއް ހޯދުމަށް ދިރާސާކުރަން ފިއުރީން ނިންމިއެވެ. އޭރުވެސް އަމިއްލައަށް ކެންޑަލް އުފެއްދުމުގެ ވިސްނުން ފިއުރީންގެ އޮތެވެ. މި ވިސްނުމަށް އަމަލީ މަސައްކަތް ފެށީ އޭނާގެ ރަށަށް ބަދަލުވުމަށްފަހުގައެވެ. އެގޮތުން ދިވެހި ކާށި ބޭނުންކޮށްގެން ފިއުރީން ތަޖުރިބާކުރަން ފެށިއެވެ. އެހެންނަމަވެސް، ދިވެހި ކާށީގެ އެތެރޭގައި ހުންނަ ނާށި ރާއްޖެއިން ބޭރުގެ ނާއްޓާއި އަޅާބަލާއިރު ތުނިކަން ފާހަގަކުރެވި، ރައްކާތެރި ކެންޑަލް އުފެއްދުމަށް އެކަށީގެންނުވާކަން އޭނާ ދެނެގަތެވެ.
ފިއުރީންގެ ވިޔަފާރީގެ ދަތުރު ފެށިގެން އައީ ދިވެހިންގެ އަމިއްލަ ކުލަގަދަ އުފެއްދުމެއް ތަޢާރަފުކުރުމުގެ ދުރު ވިސްނުމާއެކުގައެވެ. އެގޮތުން އޭނާގެ ގާތް ރަޙްމަތްތެރިޔާ އަސްޖޭގެ އެހީތެރިކަމާއެކު، ސޯޝަލް މީޑިއާ މާކެޓިންގ އަދި ވިޔަފާރީގެ އެހެނިހެން ދާއިރާތަކުގައި ކުރިއަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. ފިއޯނާ މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ ތިމާވެށްޓާ ރައްޓެހި، ފެންވަރު ރަނގަޅު، މީރުވަސްދުވާ ކެންޑަލްތައް އުފެއްދުމެވެ.
“އެހެންނަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ ފިއޯނާ ކުރިއަށް އޮތްތަނުގައި ކޮކަނަޓް ކެންޑްލްގެ އިތުރުން ތަފާތު އުފެއްދުންތަކާއެކު ފުޅާވެގެންދާނެކަން” ފިއުރީން ބުނެފައިވެއެވެ.

މިހާރު ފިއޯނާ މޯލްޑިވްސްއިން ވިއްކާ ކޮންމެ ޕްރޮޑަކްޓެއްގެ ކޮންމެ ބައެއްގައިވެސް ދިވެހިރާއްޖޭގެ ސިފަތައް ފެންނަން ހުރެއެވެ. ދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ތެރެއިން ހިތްވަރު ލިބިގެން ފިއޯނާ މޯލްޑިވްސް އިން އުފައްދާފައިވާ މިފްރެގްރެންސްތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެކެވެ. ހާއްސަކޮށް ސޯޔާ މޯމް ބޭނުންކޮށްގެން އުފައްދާފައިވާ މި ފްރެގްރެންސްތަކުގައި ޕްލާސްޓިކް ނުހިމެނޭ ޕެކޭޖިންގ ބޭނުންކުރެވިފައިވެއެވެ. މި އުފެއްދުންތަކުގެ ލޯގޯއިން ފެށިގެން ލޭބަލް ޑިޒައިންތަކާއި ފްރެގްރެންސް ސީރީޒްތަކުގައި ދިވެހި ނަންތަކާއި ޕެޓަރންތައް ބޭނުންކޮށްފައިވަނީ ދިވެހިންނާއި ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ވަރުގަދަ އިހުސާސް ފޯރުކޮށްދިނުމަށެވެ. މި އުފެއްދުންތަކާއެކު ފިއުރީން އަބަދުވެސް ބާރުއަޅަނީ ކަސްޓަމަރުން މިފަދަ މުށިތައް އަލުން ބޭނުންކުރުމަށެވެ.
“އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ކެންޑްލްއަކީ ހަމައެކަނި “ވަހެއް” ނޫން. އެއީ ހަނދާނެއް، މޫޑެއް، މޮމެންޓެއް ކަމުގައި ވާންޖެހޭ. ކެންޑްލް ދުނިޔޭގެ ކޮންމެ ހިސާބަކަށް ދިޔަކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދިވެހި ޓްރޮޕިކަލް ޓަޗްއިން އެ ގުޅުން ހޯދައިދެނީ” ފިއުރީން ބުނެފައިވެއެވެ.


ރާއްޖޭގައި ހިންގާ އެހެން ކުދި ވިޔަފާރިތަކާއި އެއްގޮތަށް ފިއޯނާ މޯލްޑިވްސް ހިންގުމުގައި ފިއުރީންއަށްވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެއެވެ. އެގޮތުން ފިއޯނާ މޯލްޑިވްސްއަށްވެސް އިމްޕޯޓް ކުރުމުގެ މަތީ އަގުތަކާއި، ދަތުރުފަތުރުގެ ދަތިތަކާއި، މޫސުމާ ގުޅޭ ގޮތުން ތަކެތި ރައްކާކުރުމުގެ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ފިއޯނާ މޯލްޑިވްސް އިން އުފައްދާ ޕްރޮޑަކްޓްސްތަކުގެ ކޮލިޓީ އެއް ހަމައެއްގައި ހިފެހެެއްޓުމަކީ ފިއުރީންގެ އެއް އަމާޒެވެ. އެހެންކަމުން ކޮންމެ މަރުހަލާއެއް ކޮންޓްރޯލްކުރުމަށް މި ކެންޑްލްތައް އުފައްދަނީ ވެސް ކުދި ބެޗްތަކުގައެވެ. މީގެ ސަބަބުން ފަރުވާތެރިކަމާއެކު މޮނިޓަރ ކުރެވި، ކަސްޓަމަރުންގެ ފީޑްބެކް އެއްކޮށް، މުރާޖަޢާކޮށް، އަދި އެއިން އުފެއްދުންތައް ރަނގަޅުކުރާކަމަށް ފިއުރީން ވަނީ ބުނެފައެވެ.
https://www.instagram.com/fiona.maldives?igsh=cnJibmJqdnY5c21j
2024 ގައި ފެށި މި ވިޔަފާރިއަށް މިހާތަނަށް ވަނީ ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިފައެވެ. ހާއްސަކޮށް ދިވެހިންގެ ފަރާތުން ލިބޭ ސަޕޯޓް ފިއުރީން ހިތުގެ އެންމެ ފުންމިނުން ބަލައިގަނެއެވެ. މިއަދު ފިއޯނާ މޯލްޑިވްސްއަކީ ހަމައެކަނި ކެންޑަލް ވިޔަފާރިއެއް ނޫނެވެ. މިއީ ފިއުރީންގެ ޝައުޤުވެރިކަމާއި، ސަގާފީ ފަޚުރުވެރިކަމާއި، ކެތްތެރިކަމުގެ ވާހަކައެކެވެ. އޭނާގެ ދަތުރަކީ އަމިއްލަ މާޒީން ހިތްވަރު ލިބިގެން، ޚާއްޞަ އެއްޗެއް އުފެއްދިދާނެކަމުގެ ހެއްކެކެވެ.