ޤައުމީ ދިފާއީ ސަފުތަކުން ސިޓީގެ ލީޑަރޝިޕާ ހަމައަށް، މޫސާ އަލީ ޖަލީލު މިވަނީ އަނެއްކާވެސް މާލެ އާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކުރިއަށް ފިޔަވަޅެއް އަޅުއްވާފައެވެ. ނިޝާން އަސްކަރީގެ ޝަރަފުގެ އިއްޒަތް އަރުވާފައިވާ، އަދި އެތައް އަހަރެއްގެ ޚިދުމަތުގެ ސަބަބުން ގިނަ ބައެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ މޫސާ އަލީ ޖަލީލަކީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރައްވާފައިވާ ކެންޑިޑޭޓެވެ.

ހިތްވަރުގަދަކަމުގެ ތާރީޚީ ނަމޫނާއެއް
މީގެ ތިރީސް ހަ އަހަރު ކުރިން، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، މޫސާ އަލީ ޖަލީލު ވަނީ އޭނާގެ ނަން ތާރީޚުގައި ރަންއަކުރުން ފަވާލެވޭ ފަދަ އާދަޔާޚިލާފު ހިތްވަރެއް ދައްކަވާފައެވެ. އުމުރުން އެންމެ 28 އަހަރުގައި، ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ހަނގުރާމަވެރިން ސަރުކާރު ވައްޓާލުމަށް މާލެއަށް ދިން ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، އޭނާ ވަނީ ވަޒަންތަކުގެ ތެރޭގައި ސިފައިންގެ ޓީމެއްގެ އިސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އެ މިޝަންގެ ތެރޭގައި އޭނާގެ ބައެއް ސަފުތަކުގެ އެކުވެރިން ޝަހީދުވި ނަމަވެސް، މޫސާ އަލީ ޖަލީލު ވަނީ ނުރައްކާތެރި ހަމަލާތަކުގެ ތެރޭގައި ކުރިއަށް ވަޑައިގެން، މައުލޫމާތު އެއްކުރައްވައި، ސަލާމަތްތެރިކަމާއެކު މައި މަރުކަޒަށް އެނބުރި ވަޑައިގެންފައެވެ. މި ޒަމާނުގެ އަސްކަރީ މިންގަނޑުތަކުން ބެލިޔަސް، މިއީ ހިތްވަރުގަދަކަމާއި، ލީޑަރޝިޕް އަދި ގައުމީ ވާޖިބަށް ކަމޭހިތުމުގެ ނުހަނު ވަރުގަދަ މިސާލެކެވެ. މިއީ ދިވެހި ރައްޔިތުންގެ މެދުގައި އޭނާއަށް އޮތް އިހުތިރާމް އިތުރުވެގެންދިޔަ މައިގަނޑު ސަބަބެވެ.

ގައުމީ ޚިދުމަތުން ސިޓީގެ ލީޑަރޝިޕަށް
ޑިފެންސް މިނިސްޓަރުކަމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވާފައިވާ މޫސާ އަލީ ޖަލީލު މިހާރު ކުރިމަތިލައްވަނީ އާ އަޒުމަކާއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެތައް އަހަރެއްގެ ތަޖުރިބާއަކީ އިޚުލާސްތެރިކަމާއި ވަރުގަދަ އަޒުމަކާއެކު އަލުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެކެވެ.
“އަޅުގަނޑު ގަބޫލުކުރަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު އަލުން ލިބިއްޖެނަމަ، އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އަޅުގަނޑުގެ ކިބައިގައި އެބަހުރި ކަމަށް.” މޫސާ އަލީ ޖަލީލު ވިދާޅުވެފައިވެއެވެ.

“ރީތި މާލެ ސިޓީ” އެއްގެ ތަސައްވުރު
މާލެއާ މެދު މޫސާ އަލީ ޖަލީލު ގެންގުޅުއްވާ ތަސައްވުރަކީ ހަމައެކަނި ތަރައްގީވެފައިވާ ސިޓީއެއްގެ ބަދަލުގައި، ދިރިއުޅެން ފަސޭހަ ސިޓީއެއް ބިނާކުރުމެވެ. އޭނާ ބޭނުންވަނީ ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު ނޭވާލެވޭނެ، އަމާން އަދި ފަސޭހަ މާހައުލެއް ގާއިމުކުރުމަށެވެ.
އޭނާގެ އަމާޒަކީ މާލެއަކީ މިހާރަށްވުރެ ސާފުތާހިރު، ފެހި އަދި ރައްކާތެރި ތަނަކަށް ހެދުމާއެކު، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްބާރުލުންދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

“އަޅުގަނޑު ބޭނުންވަނީ މާލެއަކީ އަނބިދަރިންނާއެކު މަގުމަތީގައި ހިނގާލެވޭނެ، އޯގާތެރި ބަޔަކު ދިރިއުޅޭ، ވަރަށް ރައްކާތެރި ތަނަކަށް ހަދަން.” މޫސާ އަލީ ޖަލީލުގެ ތަސައްވަރު ހާމަކުރައްވަމުން ވިދާޅުވިއެވެ.
ތަރައްގީގެ މަގުގައި ކުރިއަށް
ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ހޯއްދެވި ކުރިއެރުންތަކަށް އިޝާރާތް ކުރައްވައި މޫސާ އަލީ ޖަލީލު ވިދާޅުވީ، 2021 ވަނަ އަހަރަކީ މާލެއަށް “ރަންޒަމާނެއް” ފެށުނު އަހަރެއް ކަމަށެވެ. އޭނާގެ އަމާޒަކީ އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، ސީދާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.

މޫސާ އަލީ ޖަލީލު ކަށަވަރުކޮށްދެއްވާ ގޮތުގައި، އޭނާގެ ޚިދުމަތް އެއްވެސް ތަފާތުކުރުމެއް ނެތި، ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެއެވެ. އޭނާ ބާރުއަޅުއްވަނީ އެއްބައިވަންތަކަމާއި އިންސާފަށެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ރައްޔިތުންގެ ލާބަޔާއި މަންފާކަން ފާހަގަކުރައްވައެވެ.
މީގެ އިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށާއި، މާލެއަކީ މިހާރަށްވުރެ ސާފު އަދި ފެހި ސިޓީއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދު އޭނާ ވަނީ ވެވަޑައިގެންފައެވެ.

ޚިދުމަތާއި ވަރުގަދަ އަޒުމެއްގެ މިސާލެއް ކަމުގައިވާ ކެންޑިޑޭޓެއް
ހަނގުރާމައިގެ މައިދާނުން ފެށިގެން އާންމު ޚިދުމަތުގެ އިސް ސަފާ ހަމައަށް، މޫސާ އަލީ ޖަލީލަކީ ހިތްވަރާއި، ނުގުޑާ އަޒުމާއި، އަދި އެތައް އަހަރެއްގެ ގައުމީ ޚިދުމަތުން ސިފަކުރެވޭ ބޭފުޅެކެވެ.
މާލެއަކީ އަމާން، ސާފު، އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެއްދެވުމުގެ ސާފު ތަސައްވުރަކާއެކު، އޭނާ މިއަދު އެދިވަޑައިގަންނަވަނީ މާލެ ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އިތުބާރަށެވެ.


“އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތިޔަބޭފުޅުންނަށް ޚިދުމަތް ކުރަން ތައްޔާރަށް. ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ، އުފާވެރި، ހިތްފަސޭހަ އަދި ޒަމާނީ މާލެ ސިޓީއެއް ބިނާކުރުމަށް އަޅުގަނޑުގެ ދުވާލާއި ރޭގަނޑު ހުސްކުރާނަން.” މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.



