- Advertisement -ad image

އެކައުންޓް ހުސްވާން ނެގީ ސިކުންތުކޮޅެއް، ވީގޮތެއް އަދިވެސް ނޭންގޭ!

ad image

ގުޅުންހުރި ލިޔުންތައް

މީގެ ދެދުވަސް ކުރިއެވެ. އާދައިގެ މަތިން މެއިލް ޗެކްކޮށްލުމަށްޓަކައި މެއިލްހުޅުވާ ބަލާލީމެވެ. ބީއެމްއެލްގެ މެއިލްއެއް އިނުމުން މެއިލް ހުޅުވާލީ އެއީ ކޮން ބޭނުމަކު ފޮނުވާފައި އިން މެއިލްއެއްތޯ ބަލާލުމުގެ ނިޔަތުގައެވެ. ދެން ވީ ގޮތެއް ނޭންގުނެވެ. ފެނުނީ އެކައުންޓު ބެލެންސް ޒީރޯއަށް ވި ތަނެވެ.

މިވާހަކަ ގަބޫލުކުރަން ދަތިވެދާނެއެވެ. ނަމަވެސް މިއީ ދާދި މިދާކަށް ދުވަހު ދިވެއްސަކަށް ދިމާވި އާދަޔާ ހިލާފު ކަމެކެވެ. އޭނާ ބުނި ގޮތުން ވިއްޔާ އަދިވެސް އެވީ ގޮތެއް ނޭންގެއެވެ. އެކައުންޓްގައި ހުރި އެތައް ހާސް ރުފިޔާއެއް ވީތަނެއް ދާނެގޮތެއް ހަމަ އެއްގޮތަކަށްވެސް ވިސްނާލާކަށް ނޭންގެއެވެ. ފޭރުމުގެ މިފަދަ ތަފާތު އެތައް ކޭހެއް މިހާރުވެސް ފުލުހުންގެ އިދާރަައަށް ހުށައެޅި ތަހުގީގު މަރުހަލާގައި އެބައޮތެވެ..

މިފަދަ ސައިބަރ ކްރައިމްތައް ދުވަހަކަށް ވުރެ ދުވަހެއް ވަގުން ކުރަމުންދަނީ މޮޅު ކޮށެވެ. ބޭންކްގެ ނަމުގައި ގުޅައި ހައްލާލައިގެން އެތައް ބައެއްގެ ރުފިޔާތައް ފޭރިއްޖެއެވެ. ނުވިތާކަށް ރިސޯޓުތަކުގެ ނަމުގައި ގުޅައިގެން މުދާ ގަނުވާފައި ތަކެތި ބަނދަރަށް ގެންދާށޭ ކިޔާ ތަކެތި ހިފައިގެން ދިއުމުން ދެން ހަބަރެއް ނުވާވެސް އެތައް ކޭސްއެއް ދަނީ ފެންމަތިވަމުންނެވެ.

މީގެ އިތުރުން ޑޮލަރު ވިއްކާނެ ކަމަށްބުނެ އޮޅުވާލައިގެން ރުފިޔާ ހޯދާފައިވާ އެތައް ހާދިސާއެއް ކޮންމެ ދުވަހަކު ފުލުހަށް ހުށަހެޅެއެވެ. ސޯޝަލް މީޑިއާއިން ޑޮލަރު ވިއްކަން ޖަހާފައި ހުންނަ ނަންބަރު ތަކަށް ގުޅަންޖެހެނީ ބޭނުންވާ ވަރަށް ބެންކު މެދުވެރިކޮށް ޑޮލަރު ލިބުމުގައި ދަތިކަން އޮންނާތީއެވެ. އެގޮތުން އިބްރާހިމް އަކީވެސް ބޭރުން މުދާ ކޮންޓެއިނަރ ގެންނަ ފަރާތަކަށްވުމުން ޑޮލަރު ހޯދަން ޖެހެނީ އޭގެ ޕޭމަންޓް ހަދަންށެވެ. އެހެންކަމުން މިހަފުތާގެ އަންގާރަ ދުވަހު އޭނާއަށް ދިމާވި ހާދިސާ ވަނީ ހިރާސް އާއި ހިއްސާކޮށްފައެވެ. ޑޮލަރު ވިއްކާ ކަމަށް ބުނި މީހާ އަތުން ދެ ފަހަރެއްގެ މަތިން އޭނާ ޑޮލަރުގަތެވެ. ފަހަރަކު 2000 ޑޮލަރުގެ މަގުން ޖުމުލަ 4000 ޑޮލަރެވެ.

“އަހަރެން ގުޅީ ޑޮލަރު ވިއްކާ ކަމަށް ޖަހާފައި އިން ނަންބަރެއް ފެނިގެން. ދެން ގުޅާ ހުރިހާ ކަމެއް ހަމަޖައްސާފައި 2000 ޑޮލަރަށްވާ ދިވެހި ރުފިޔާ ހިފައިގެން މިދިޔައީ. އެވެސް ދެން މިހާރު މިފަދަ ކަންކަމުގައި އިތުބާރު ނުކުރެވޭތީ. ދެން ރުފިޔާ އާއި ހަވާލުވާން އައި މީހާ އަތަށް ރުފިޔާ ދިނީމަ ވަގުތުން ޑޮލަރު ލިބުނު ކަމަށް އަހަރެންނަށް ފެނުނު އެކައުންޓުން. އޭގެ ފަހުން އަނެއްކާ ހަމަ މިމީހާ އަތުން އިތުރު 2000 ޑޮލަރު ނަގަން ރައްޓެއްސަކު ފޮނުވިން. އެފަރުވެސް ޑޮލަރު ލިބުނު ކަމަށް އެކައުންޓުން ފެންނަން އިން. ދެން މައްސަލަ މި ދިމާވީ ޕޭމަންޓް ހަދަންވެގެން ބެލުމުން އެކައުންޓް ފްރީޒްކޮށްފައި އޮތުމުން. ދެން ބެންކަށް ގުޅީމައި ބުނީ އަހަރެން އެކައުންޓަށް ފައިސާ ފޮނުވި އެކައުންޓްގެ ވެރި ފަރާތުން އެމީހާއަށް ނޭންގި އެމީހާގެ އެކައުންޓުން ޑޮލަރު ކެނޑިފައި އިން ކަމަށް ހުށަހެޅީމައި ހަދާފައި އިން ގޮތެކޭ. އަސްލު މިވީ ގޮތަކީ އެމީހާއަށް ނޭންގި އެކައުންޓް ހެކްކޮށްގެން އެމީހާގެ އެކައުންޓުން ފައިސާ ފޮނުވީ އަހަރެންނަށް. ޕޮލިހަށް މައްސަލަ ހުށައަޅަން ދިޔައިރު ހަމަ މި އެކައުންޓުން ފައިސާލިބި ހަމަ މި ލަނޑު ލިބިފައި ހުރި އެހެން މީހަކާވެސް ދިމާވި”
މިއީ މިފަދަ އެންމެ ހާދިސާއެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު އެކަނިވެސް ސައިބަރ ކްރައިމްގެ 40 މައްސަލަ ހުށައަޅާފައިވެއެވެ. އަދި 2020 ޖެނުއަރީން ފެށިގެން ޖޫން 2021 ގެ ނިޔަލަށް އޮޅުވާލައިގެން މީހުން އަތުން ހޯދާފައިވާ ފައިސާގެ އަދަދު 7.4 މިލިއަން ރުފިޔާއަށް އަރައެވެ.

މިއަދު އަޅުގަނޑުމެން އުޅެންޖެހިފައިމިވަނީ ޓެކްނޮލޮޖީ އެންމެ ކުރިއަރާފައިވާ މުޖުތަމައެއްގައެވެ. އެހެންވީމާ ވަގުންވެސް މިދަނީ ދުވަހެއް ދުވަހަކަށް އެޑްވާންސްވަމުންނެވެ. މިފަދަ ކުށްތަކުގެ ފަހަތުގައި ތިބޭ އަސްލު މީހުން ހޯދުމަށް ފަސޭހަ ނޫންކަން އެނގެނީ މިފަދަ ކުށްތަކުގައި ހައްޔަރު ކުރާ މީހުންނަކީ ގިނަ ފަހަރަށް މަސްތުވާތަކެތި ބޭނުންކޮށް ބޭކާރުވެގެން މުޖުތަމައުގައި އުޅޭ މީހުންނަށް ވާތީއެވެ. އެހެންވީމާ ހައްލު ނުހޯދޭ މިފަދަ ވަގުންގެ ދަލުގައި ނުޖެހި ކަންކަން އޮންނަަ ގޮތް ރަނގަޅަށް ބެލުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތްތައް ނުނިންމުމަށް އަބަދުވެސް ހަނދާން ކުރަން ޖެހެއެވެ. ފައިސާ ދެވެނީ ކާކު އަތަށްތޯ ބަލަަ ޔަގީން ކުރާށެވެ. ފައިސާގެ މުއާމަލާތްތައް ކުރާއިރު އިތުރަށް ވިސްނާލާށެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ