ފްރާންސްގައި ތިބި ރެފްރީންނަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގާފައި ވަނީ ރަމަޟާން މަހުގެ ތެރޭގައި މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް މެޗުތައް މަޑުޖައްސާނުލުމަށެވެ.
މުސްލިމު ކުޅުންތެރިންނަށް ރޯދަވީއްލުމުގެ ފުރުސަތު ދިނުމަށް އިނގިރޭސި ޕްރިމިއަރ ލީގުން ވަނީ ނިންމާފައެވެ.
ނަމަވެސް ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން ރެފްރީންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ވަކި ކަމެއް ކުރުމަށް މެޗް މެދުކަނޑާލުމުން އެހެން ކުޅުންތެރިންގެ ކުޅުން ގެއްލިދާނެ ކަމަށެވެ.
އަދި މިއީ ގަވާއިދުގައި ހުއްދަ ކަމެއް ނޫން ކަމަށާއި އެ ގަވާއިދުގައި ފުޓްބޯޅައިގައި އުސޫލަށް އިހުތިރާމް ކުރުން ހިމެނޭތީ ތަފާތު ކުރުން ނުގެންގުޅެވޭނެ ކަމަށް ފްރާންސްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބުނެފައިވެއެވެ.
އިނގިރޭސި ފުޓްބޯޅަ އާއި ބެހޭ އިދާރާއިން ނިންމާފައިވަނީ ރަމަޟާން މަހު ކުރިއަށްދާ ޕްރިމިއާ ލީގުގެ މެޗުތަކުގައި ރޯދަވީއްލާ ވަގުތު ދިމާވެއްޖެނަމަ މުސްލިމު ކުޅުންތެރިންނަށް އެ ފުރުސަތު ދިނުމަށެވެ.
