ޕޯލް ވޮލްޓާ (ދިގު ފުއްމުން) އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ކެނެޑާގެ އެތްލީޓް ޝޯން ބާބަރ އުމުރުން 29 އަހަރުގައި މަރުވެއްޖެ ކަމަށް އޭނާގެ އޭޖެންޓް ޕޯލް ޑޮއިލް ބުނެފި އެވެ.
ބާބަރ ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ފިރިހެނުންގެ ޕޯލް ވޯލްޓްގެ ކެނެޑާގެ ރެކޯޑް ހަދާފައެވެ. އޭނާ ޓޮރޮންޓޯގައި 2015 ވަނަ އަހަރު ބޭއްވި ޕެން އެމެރިކަން ގޭމްސްއިން ރަން މެޑަލް ހޯދި އިރު، އެ އަހަރުގެ ފަހުކޮޅު ޗައިނާގެ ބެއިޖިންގައި ބޭއްވި އައިއޭއޭއެފް ވޯލްޑް ޗެމްޕިއަންޝިޕް ވެސް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.
ޔުނިވާސިޓީ އޮފް އަކްރޯންގެ އެތުލެޓިކްސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބާބަރ މަރުވީ ޓެކްސަސްގެ ކިންގްވުޑްގައި ހުންނަ އޭނާގެ ގޭގައި ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން މިދިޔަ ބުދަ ދުވަހު އެވެ.
ކޮލެޖް ދަރިވަރެއްގެ ހައިސިއްޔަތުން ބާބަރ އަކީ ޔުނިވާސިޓީ އޮފް އަކްރޯންގެ ޓްރެކް އެންޑް ފީލްޑް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.
އެތުލެޓިކް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބާބަރ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭގެފަހުން އޭނާގެ ހާލު ދެރަވެފައިވާ ކަމަށެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި އޭނާގެ އޭޖެންޓް ޑޮއިލް ބުނީ “ހަމައެކަނި ގަބޫލު ނުކުރެވޭ ވަރުގެ އެތުލީޓަކަށް ވުރެ ބޮޑަށް ޝައުން އަކީ އަބަދުވެސް އަމިއްލަ ނަފްސަށް ވުރެ އެހެން މީހުން އިސްކުރާ ހިތްހެޔޮ މީހެއް” ކަމަށެވެ. އަދި އެހާ ޒުވާން އުމުރުގައި އެހާ ރަނގަޅު މީހަކު ގެއްލުމަކީ ހިތާމަހުރި ކަމެއް ކަމަށް ޑޮއިލް ބުންޏެވެ.
ޝައުންގެ އެންމެ މޮޅު ވޯލްޓަކީ ހަ މީޓަރު ކަމަށާއި އެއީ އަދިވެސް ކެނެޑާގެ ރެކޯޑް ކަމަށް އޮލިމްޕިކްސްއިން ބުނެއެވެ.
ޔުނިވާސިޓީ އޮފް އަކްރޯންގެ ބަޔާނުގައި ވާގޮތުން ޝައުން މަރުވިއިރު ކޮއްކޮ ޑޭވިޑް އާއި އޭނާގެ މަންމަ އެން އަދި އޭނާގެ ބައްޕަ ޖޯޖް ދުނިޔޭގައި އެބަތިއްބެވެ.