ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރަތަމަ އަންހެން ނައިބު ރައީސަކަށް އާއިދާ އަބްދުލް ހަކީމް އިންތިހާބުވެ ވަޑައިގެންފިއެވެ.
އާއިދާއަކީ ރާއްޖޭގައި މިހާރު ހުރި މިވަގުތު ރާއްޖޭގައި ހުރި އަންހެން ހަމައެކަނި (ވޮލީގެ) ބައިނަލްއަގުވާމީ ވީ.އައި.އެސް އަދި އީ-ސްކޯރާ އެވެ. އާއިދާ އަންނަނީ އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓްސް ގެ ނަމުގައި ވޮލީ އަދި ހޭންޑްބޯލް ކުލަބެއްވެސް ހިންގަމުންނެވެ.
އިއްޔެ ލިބުނު މި ކާމިޔާބީ ފާހަގަކޮށް އާއިދާ ވަނީ މި މަގާމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް ވިދާޅުވެފައެވެ.
“މިއަދު މިލިބުނު ކާމިޔާބު ނުވަތަ މަގާމަކީ އެއްވެސް ހާލެއްގައި ކަމެއް ނުކޮށް އަތް އުރާލައިގެން ހުއްޓާ ތަބަކަކަށް ލައި މީހަކު އައިސް ދިން މަގާމެއް ނޫނެވެ.” އާއިދާގެ ފޭސްބުކް ޕޭޖުގައި ޝެއާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އާއިދާ މި ކާމިޔާބީ ސިފަކޮށްފައިވަނީ މިއީ 03 ވަނަ އަހަރު ވޮލީ ކުޅެންއުޅުމަށްފަހު، ކުޅުން ހުއްޓާލައި، 2011 ވަނަ އަހަރު ފެށި މަސައްކަތް ހުއްޓާނުލައި ވޮލީއަށް ކޮށްދެވުނު ޚިދުމަތުން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
އަދި ހިތްވަރު އެލުނު ކިތައްމެ ފަހަރެއް މި ފާއިތުވި އަހަރުތަކުގައި ކުރިމަތިލާން ޖެހުނު ކަމަށާޢި، އެހެން ނަމަވެސް ހިތްވަރު އެލުވާނުލައި މިހާހިސާބަށް އައުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން އާއިދާ ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އާއިދާވަނީ ދިވެހި އަންހެން ވޮލީ ކުޅުންތެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކޮށް ވޮލީއިން ރާއްޖެއަށް ރީތި ނަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.
ކުޅިވަރުގެ ދާއިރާއިން އާއިދާވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އޭގެތެރޭގައި ފުޓުބޯޅަ އެސޯސިއޭޝަންގެ “ވުމަންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރ” ގެ މަގާމާއި، އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވް ސްޕޯޓްސްގެ ރައީސާ އަދި މުއައްސިސް ކަމާއި، ވޮލީ ރެފްރީސް ކޮމިޝަންގެ ކުރީގެ މެމްބަރުކަމާއި އަދި ހޭންޑްބޯލް ކުޅުންތެރިއެއްގެ އިތުރުން ޖޫނިއަރ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގައި ވެސް ހަރަކާތްތެރިވެފައި ވެއެވެ.
ހަމައެހެންމެ ލަންކާގައި އެންމެ ފަހުން ބޭއްވި ސަރަހައްދީ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ “ކާވާ މެންސް ވޮލީބޯޅަ ޓޯނަމަންޓް”ގެ ކޮންޓްރޯލް ކޮމިޓީގެ މެމްބަރު ކަން ވެސް ކުރައްވާފައި ވެއެވެ. މިއީ ރާއްޖޭގެ ކަނބަލަކު މިފަދަ ބޮޑު މުބާރާތެއްގެ ކޮންޓްރޯލް ކޮމިޓީގައި ހިމެނުނު ފުރަތަމަ ފަހަރުވެސްމެއެވެ.