ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ރާސް ޗެމްޕިއަންޝިޕްގެ އަތޮޅު ތަކުގެ އެޑިޝަންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެ އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުށީ އެޑިޝަންއެވެ. މުޅި ރާއްޖޭގެ ފަސް ސަރަހައްދެއްގައި މި މުބާރާތުގެ އެޑިޝަންތައް ކުރިއަށް ގެންދާއިރު ކުޅުދުއްފުށީ އެޑިޝަން އޮންނާނީ މިހިނގާ މެއި މަހުގެ 27 އަދި 28 ގައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ރޭސިން އިވެންޓެވެ. 125
ސީސީ އާއި 135 އަދި 150 ސީސީގެ ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ދެ ޖިންސްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރާސް ޗެމްޕިއަންޝިޕް 2022 އަކީ ސައިކަލުގެ އިތުރުން ކާރުގެ އެކި ސީސީ ތަކުގެ ކެޓަގަރީތައް ހިމެނޭ ގޮތަށް ބޭއްވޭ އިވެންޓެކެވެ.
މީގެ އިތުރުންވެސް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ ލާމު ގަން އެޑިޝަން އަދި ގްރޭޓަރ މާލެ އެޑިޝަންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.. .
ކުޅުދުއްފުށީ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އިވެންޓްގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 15 މެއި ކަމަށް އެސޯސިއޭޝަނުން ހާމަކުރެއެވެ.
މިހުރިހާ އެޑިޝަންތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވާ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ.
މީގެ ކުރިން މިމުބާރާތުގެ ކިކް އޮފް އިވެންޓެއް މާލެ ސަރަހައްދުގައި ބާއްވާފައިވާއިރު 70 އެއްހާ ބައިވެރިން ވަނީ ހުނަރު ދައްކާލާފައެވެ. ރޭސިން އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި އެހާ ގިނަ ބައިވެރިންނާއެކު ކިކްއޮފް އިވެންޓް ކުރިއަށް ގެންދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ރޭސިން އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި ރޭސިން އަކީ ހަމައެކަނި މާލޭގައި އޮންނަންޖެހޭ ކުޅިވަރެއްނޫން ކަމަށާއި މި ކުޅިވަރު މުޅިރާއްޖެއަށް ފުޅާކުރުން އެއީ އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް މަގުސަދެވެ. އަދި ރާސްގެ ގްރޭންޑް ފިނާލޭ އަކީ ކޮންމެ އަހަރަކު އެކި ރަށްރަށުގައި ބާއްވާނެ އިވެންޓެއް ކަމަށާއި އޭގެ މައިގަނޑު މަގުސަދަކީ އެހެން ރަށްރަށުގެ މީހުންގެ މެދުގައި އޮންނަބައި ބައިވުން ނެތިކޮށްލައި މޮޓޯ ސްޕޯޓްސް އިން މުޅިރާއްޖެ ގުޅާލުން ކަމަށްވެސް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.
އަދި މި ކުޅިވަރު ކުރިއަރުވަން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާ ކުރާ ކަމަށާއި ކުރިއަށް ވުރެެން ފުޅާކޮށް މިކަން އެސޯސިއޭޝަން އަށް ކުރެވެނީ ހެޔޮ އެދޭ އެތަކެއް ސްޕޮންސަރުންނަކާއި އެކުގައިކަން ފާޙަގަކޮށް އެފަރާތަކަށް އެސޯސިޭޝަނުން ވަނީ ޝުކުރުއަދާކޮށްފައެވެ. އެގޮތުން އެސޯސިއޭޝަންގެ ޕާޓުނަރުންގެ ގޮތުގައި މިވަގުތު ތިބި ބައެއް ފަރާތްތަކުގެ ތެރޭގައި ހޮންޑާ، ރެޑްބުލް، މޯޓުލް އަދި އެންޖީކޭ ފަދަ ބޮޑެތި ބްރޭންޑްތައް ހިމެނެއެވެ. މީގެ އިތުރުންވެސް މާޑު ގަރާޖު، ރިކިބު، ފްރޭމްޑް އަދި އަމަންޓޭ އަކީ އެކި ގޮތް ގޮތުން އެސޯސިއޭޝަންއަށް އެހީވާ ފަރާތްތައްކަން ހާމަކުރެއެވެ.