ވޮލީބޯލް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގައި ޕޮލިސް ކުލަބާއި ހާފްލައިން ލިންކޭޖް ވާދަކުރި މެޗު ކާމިޔާބުކޮށް ޕޮލިސް ކުލަބުން ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކަމިޔާބުކުރީ 3-1 ސެޓުންނެވެ. ޕޮލިސް ކުލަބުން މެޗުގެ ފުރަތަމަ ދެ ސެޓް ފަސޭހަކަމާއެކު ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-8 އަދި 25-3 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް ޕޮލިސް ކުލަބުން ފެށީ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މުހިންމު ގިނަ ކުޅުންތެރިން ބަދަލުކޮށްގެންނެވެ. މި ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ސެޓް 25-23 އިން ކާމިޔާބުކުރީ ކުލަބް ހާފްލައިން ލިންކޭޖްއެވެ. މިސެޓް ގެއްލުނު ނަމަވެސް ޕޮލިސް ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ހަތަރު ވަނަ ސެޓް 25-3 އިން ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށްކުޅޭ ނޭޕާލް ކުޅުންތެރިޔާ ކަމަނަ ބިސްޓާއެވެ.
ޕޮލިސް ކުލަބުން ސެމީ ފައިނަލުން ޖާގަހޯދީ ޕޫލް ބީގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެން ޕޮލިސް ކުލަބަށް ބާކީ އެއް މެޗު އޮތްއިރު މި މެޗުގައި ވާދަކުރާނީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 4 ވަނަ ދުވަހުގެރޭ 21:45 ގައެވެ.