އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަންގެ ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުލަބް އީގަލްސް މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބު ފައިނަލުން ޖާގަހޯދައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެމްކޯއާ ވާދަކުރި މެޗު 3-2 ސެޓުން ޕޮލިސް ކުލަބް ވަނީ ބަލިވެފައެވެ. މިމެޗުން މޮޅުވެ ވެމްކޯ ފައިނަލުން ޖާގަހޯދިއިރު، ޕޮލިސް ކުލަބު ޖެހުނީ ތިން ވަނަ ސެމީގައި ދެވަނަ ސެމީން މޮޅުވި ކުލަބް އީގަލްސްއާ ވާދަކުރާށެވެ.
ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-17 އިންނެވެ. ނަމަވެސް އީގަލްސް އިން ވަނީ ޕޮލިސް ކުލަބަށް ހެދުނު ގޯސްތަކުގެ ފައިދާނަގައި ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ. މިސެޓް އީގަލްސްއިން ކާމިޔާބުކުރީ 25-17 އިންނެވެ. މެޗުގެ ތިން ވަނަ ސެޓްގައި ޕޮލިސް ކުލަބުން ކުޅުން ރަނގަޅުކޮށް 25-20 އިން ސެޓް ކާމިޔާބުކުރިއެވެ. އަދި ހަތަރު ވަނަ 25-20 އިން ޕޮލިސް ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ޝަހާ ޝާމިންއެވެ. އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަން ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. .