ޣައްޒާއަށް ތެލުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން މިހާރުވެސް ހަލާކުވެފައިވާ ޣައްޒާގެ ޞިއްޙީ ޚިދުމަތަށް ނުރައްކާތެރި އަސަރުތަކެއް ކުރާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ބުރާސްފަތި ދުވަހު ދެއްވައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް “އެކްސް”ގައި ވިދާޅުވީ، ޣައްޒާގައި ތެލުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ސިއްހީ ހިދުމަތަށް އިތުރު ބުރޫއެރުމަކީ ގާތް ކަމެއް ކަމަށެވެ.
ސިއްހީ ދާއިރާއަށް އެކަނި ވެސް ދުވާލެއްގެ މައްޗަށް 80،000 ލީޓަރުގެ ތެޔޮ ބޭނުންވާއިރު، ބުދަ ދުވަހު ޣައްޒާއަށް ވަދެފައިވަނީ އެންމެ 90،000 ލީޓަރުގެ ތެޔޮ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ޑަބްލިއުއެޗްއޯ އާއި ޣައްޒާގައި މަސައްކަތްކުރާ އެ ޖަމާއަތުގެ ބައިވެރިންނަށް މަޖުބޫރުވަނީ ކުރުމަށް ދަތި ގޮތްތަކެއް ކަނޑައެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
“މިހާރު ޕާޓްނަރުން ދަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސް، އަލްއަމަލް ހޮސްޕިޓަލް އަދި ކުވައިތު ފީލްޑް ހޮސްޕިޓަލް ފަދަ މުހިންމު ހޮސްޕިޓަލްތަކަށާއި ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) ގެ 21 އެމްބިއުލާންސަށް ލިމިޓެޑް ފިއުލް ސަޕްލައި ދިނުމަށް އިރުޝާދު ދެމުން” އޭނާ ވިދާޅުވިއެވެ.
އަދި ރަފާ ބޯޑަރު ހުރަސްކުރުން އަލުން ހުޅުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ސްޓްރިޕަށް ވަންނާނެ އިންތިޒާމު ހަމަޖެއްސުމަށް އޭނާ ގޮވާލެއްވިއެވެ.