ރަޝިޔާގެ މިސައިލްތަކުން ޔޫކްރެއިންގެ އެކި ސިޓީތަކަށް ދިން ބޮމުގެ ހަމަލާތަކެއްގެ ސަބަބުން، އެ ގައުމުގެ އެންމެ ބިޔަ ކުޑަކުދިންގެ ހޮސްޕިޓަލާއި އެހެނިހެން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ހިތުގެ ސާޖަރީތަކަށް ހުރަސް އެޅި، ކެންސަރު ބަލީގެ ޕޭޝަންޓުންނަށް އެމީހުންގެ ފަރުވާތަކަށް ބޭރަށް ގެންދަން މަޖުބޫރުވެފައެވެ. މި ހަމަލާގެ ސަބަބުން 31 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ސޯޝަލް މީޑިއާގައި ވިދާޅުވީ، ދުވާލުގެ ވަގުތުގައި ޔޫކްރެއިންގެ ފަސް ސިޓީއަކަށް އަމާޒުކޮށް އެކި ބާވަތުގެ 40 އަށް ވުރެ ގިނަ މިސައިލް ޖަހާފައިވާ ކަމަށެވެ. ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނީ 30 މިސައިލް ހުއްޓުވާފައިވާ ކަމަށެވެ. އަދި 150 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.
މިއީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ ތެރޭގައި ރަޝިއާއިން ކިއެވްއަށް ދިން އެންމެ ބޮޑު ބޮމުގެ ހަމަލާއެވެ. ވެރިރަށުގައި ހަތް މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ޔޫކްރެއިންގެ މެދުތެރޭގައި ހުންނަ ޒެލެންސްކީގެ އުފަން ރަށް ކްރިވީ ރިހްއަށް ދިން ހަމަލާތަކުގައި 10 މީހުން ވަނީ މަރުވެފަ އެވެ.
އޮކްމަޓްޑިޓް ކުޑަކުދިންގެ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަބަބުން ސާޖަރީގެ މެދުތެރެއިން ހިތުގެ ބަލި މީހެއްގެ ހުޅުވިފައިވާ މޭތެރެއަށް ކުނިތަކެއް ވެއްޓުނެވެ. އަދި ކެންސަރު ބަލީގެ ޕޭޝަންޓުންގެ އެނދުތައް ޕާކުތަކަށާއި މަގުތަކަށް ނެރެންޖެހުނެވެ.
ޒެލެންސްކީ ވިދާޅުވީ މިހާރު މުޅި ދުނިޔެ އެކަމާ ހިމޭނުން ނުތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ރަޝިއާއަކީ ކޮބައިކަމާއި އެ ގައުމުން ކުރާ ކަންކަން އެންމެން ވެސް ބަލަން ޖެހޭ ކަމަށެވެ.
ރަޝިޔާއިން ވަނީ ހޮސްޕިޓަލަށް ދިން ހަމަލާތައް ދޮގުކޮށް، ހަމަލާތައް އަމާޒުކޮށްފައިވަނީ އަސްކަރީ ސަރަހައްދުތަކަށް ކަމަށް ބުނެފައެވެ.