މިދިޔަ ހަފްތާގައި ހިޒްބުالله އާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައި ފަހުން އިޒްރޭލުން ލުބުނާނަށް އެންމެ ބޮޑު ވައިގެ ހަމަލާ ދީފިއެވެ. މި ހަމަލާގައި މަދުވެގެން 11 މީހުން މަރުވެފައިވާ ކަމަށް ބުނެއެވެ. މިއީ ހިޒްބުالله އިން އިޒްރޭލަށް ހަމަލާ ދިނުމުން އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާއެކެވެ.
ހިޒްބުالله އިން ބުނި ގޮތުގައި އެ ޖަމާއަތުން އިޒްރޭލަށް ހަމަލާ ދިނީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާތީ އެކަމަށް އިންޒާރެއްގެ ގޮތުންނެވެ. މިއީ 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ހިޒްބުالله އިން އިޒްރޭލްގެ ސިފައިންނަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ ކަމަށް ބެލެވެއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިޒްރޭލުން ހާރިސް އަވަށަށް ދިން އެއަރ ސްޓްރައިކްގައި ފަސް މީހުން މަރުވެ، ދެ މީހުން ޒަޚަމްވިއެވެ. އަދި ޓަލޫސާ އަވަށަށް ދިން އެއަރ ސްޓްރައިކްގައި ހަތަރު މީހުން މަރުވެ، ދެ މީހުން ޒަޚަމްވިއެވެ.
އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުالله ގެ ފައިޓަރުންނާއި، އިންފްރާސްޓްރަކްޗަރ އަދި ރޮކެޓް ލޯންޗަރުތަކަށް އަމާޒުކޮށް ލުބުނާނުގެ އެކި ސަރަހައްދުތަކަށް ހޯމަ ދުވަހުގެ ވައިގެ ހަމަލާ ދިން ކަމަށެވެ. މިއީ ހިޒްބުالله އިން މައުންޓް ޑޮވް އަށް ދެ މިސައިލް ދިނުމުން އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.