ސީރިއާގެ އިދިކޮޅު ބަޣާވާތްތެރިން ވެރިރަށް ދިމިޝްޤު އަތުލައިގަތުމާއެކު ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރަމުން އައި ބަޝާރު އަލް-އަސަދު ޤައުމުން ފިއްލަވައިފި ކަމަށް އިއުލާނުކޮށްފިއެވެ. މިއީ ނޮވެމްބަރު މަހުގެ ފަހުކޮޅު ފެށުނު ހަނގުރާމައިގެ ނަތީޖާއެކެވެ.
ހަޔަތު ތަހްރީރު އަލް-ޝާމް (އެޗް.ޓީ.އެސް) ގެ އިސްނެގުމުގެ ދަށުން ކުރިއަށްދިޔަ މި ހަނގުރާމައިގައި، އިދިކޮޅު ފަރާތްތަކުން ވަނީ ދިމިޝްޤުގެ އުތުރުގައި ހުރި ސައިދްނާޔާ ހަނގުރާމަވެރި ޖަލަށް ވަދެ، އެތަނުގައި ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލާފައެވެ.
މީގެ ކުރިން ދުވަހު، އިދިކޮޅު ފަރާތްތަކުން ވަނީ ސީރިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހޮމްސް އަތުލައިފައެވެ. މިއީ ދިމިޝްޤާއި ސީރިއާގެ ސަރުކާރަށް ތާއީދުކުރާ ސަރަހައްދުތަކާ ގުޅުވައިދޭ މުހިންމު ސިޓީއެކެވެ.
މި ހަފްތާގައި އިދިކޮޅު ފަރާތްތަކުން ހޯދި ކުރިއެރުންތަކަކީ އެމެރިކާ އާއި އދ. އިން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލާ އަލް-ޤައިދާގެ ގުޅުން އޮތް ޖަމާއަތަކުން އިސްނަގައިގެން ހޯދި އެންމެ ބޮޑު ކުރިއެރުންތަކެވެ.
ދިމިޝްޤުގެ ރައްޔިތުން ވަނީ ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ގަތުމަށް އަވަސްވެގަނެ، އަދި ހާސްތަކެއް މީހުން ލުބުނާނަށް ދިއުމަށް ބޯޑަރަށް ދަތުރުކުރަން ފަށާފައެވެ. އދ. އިން ބުނެފައިވަނީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ނޫން މުވައްޒަފުން ޤައުމުން ބޭރަށް ފޮނުވަމުންދާ ކަމަށެވެ.
އަސަދުގެ ހާލަތާ ބެހޭ ގޮތުން ސަރުކާރުގެ މީޑިއާތަކުން ކުރިން ދޮގުކުރި ނަމަވެސް، އަރަބި މީޑިއާތަކުން ބަޣާވާތްތެރިންގެ ހަވާލާދީ ބުނެފައިވަނީ އޭނާ މިހާރު ވަނީ މަތިންދާބޯޓަކަށް އަރައި، އެނގިފައިނުވާ ތަނަކަށް ފުރައިގެން ގޮސްފައި ކަމަށެވެ. އަދި އާދިއްތަ ދުވަހުގެ ފަތިހު ސީރިއާގެ ސިފައިންގެ އިސްވެރިން ވަނީ އަސަދުގެ 24 އަހަރުގެ ވެރިކަން ނިމުމަކަށް އައިސްފައިވާކަން ސިފައިންނަށް އަންގާފައެވެ.