ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާއާ ކައިރިން މިއަދު 7.4 މެގްނިޓިއުޑްގެ ވަރުގަދަ ބިންހެލުމެއް އައިސްފިއެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައީ މިއަދު ހެނދުނު ވެރިރަށާ 37 ކިލޯމީޓަރު ދުރުގައެވެ.
ފުރަތަމަ ރިޕޯޓުތަކުގައި ބުނެފައިވަނީ ބިންހެލުން އައީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށެވެ. ނަމަވެސް ފަހުން ނެރުނު ރިޕޯޓުތަކުގައި ބުނެފައިވަނީ ބިންހެލުން އައީ 43 ކިލޯމީޓަރު ފުންމިނުގައި ކަމަށެވެ. މީގެ އިތުރުން، މި ބިންހެލުމަށްފަހު 5.5 މެގްނިޓިއުޑްގެ އާފްޓަރޝޮކެއްވެސް އައިސްފައިވެއެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ފުޓޭޖުތަކުން ދައްކާ ގޮތުގައި، ޕޯޓް ވިލާގައި ހުރި ބޭރުގެ އެމްބަސީތައް ހިމެނޭ އިމާރާތެއްގެ ކޮންކްރީޓް ތަނބުތައް ވަނީ ވެއްޓިފައެވެ. މީގެ ތެރޭގައި އެމެރިކާ، ފްރާންސް، ނިއުޒިލޭންޑް އަދި ޔުނައިޓެޑް ކިންގްޑަމްގެ އެމްބަސީތައް ހިމެނެއެވެ.
ވަނުއާޓޫގައި މަސައްކަތްކުރާ ނޫސްވެރިއެއް ކަމަށްވާ ޑޭން މެކްގެރީ ބުނާ ގޮތުގައި މިއީ އޭނާ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ދުށް އެންމެ ބޮޑު ބިންހެލުމެވެ. އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުގައި މި ބިންހެލުމަކީ “ގިނަ އަދަދެއްގެ މީހުންނަށް އަސަރުކުރާ ނުރައްކާތެރި ހާދިސާއެއް” ކަމަށް ބުނެފައިވެއެވެ. އަދި ވިލާ ސެންޓްރަލް ހޮސްޕިޓަލުން އެއް މީހަކު މަރުވެފައިވާ ކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މި ހޮސްޕިޓަލުން ވަނީ އިމަޖެންސީ ވޯޑު ބޭރުގައި ޓްރައިއޭޖް ސެންޓަރެއް ޤާއިމުކޮށްފައެވެ.
ބިންހެލުމާ ގުޅިގެން ވަނުއާޓޫ ސަރުކާރުގެ ވެބްސައިޓްތައް ވަނީ ހުއްޓިފައެވެ. އަދި ފުލުހުންނާއި އެހެނިހެން ސަރުކާރު އިދާރާތަކުގެ ފޯނު ނަންބަރުތަކަށް ގުޅޭގޮތެއް ނުވެއެވެ. އަދި ޤައުމުގެ ޖިއޯހެޒާޑްސް އޭޖެންސީ އާއި ބޮޑުވަޒީރުގެ އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކަށްވެސް އަޕްޑޭޓެއް އައިސްފައެއް ނުވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ މަރުވި ކަމުގެ އިތުރު ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.