ދެކުނު ކޮރެއާގެ އިމްޕީޗްކުރެވުނު ރައީސް ޔޫން ސުކް ޔެއޯލް ބުދަ ދުވަހު ރިޔާސީ ގަނޑުވަރުގައި ހިންގުނު ބޮޑު ގާނޫނީ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. ކޮރަޕްޝަން ހުއްޓުވާ އޭޖެންސީއަށް އޭނާގެ އަމަލުތައް ތަހުގީގުަހުގީގުކުރުމުގެ ބާރު ނެތް ކަމަށް ބުނެ އިންކާރުކުރި ނަމަވެސް، އަނިޔާވެރިކަން ހުއްޓުވުމަށްޓަކައި އެއްބާރުލުން ދިންކަމަށް ރައީސް ޔޫން ވިދާޅުވިއެވެ.
ހައްޔަރުކުރުމުގެ ކުރިން ރެކޯޑުކުރެވުނު ވީޑިއޯ މެސެޖެއްގައި ރައީސް ޔޫން ވިދާޅުވީ “މި ގައުމުގައި ގާނޫނުގެ ވެރިކަން މުޅިން ފުނޑުފުނޑުވެއްޖެ” ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އިމްޕީޗްކުރުމާ ގުޅިގެން ރައީސްކަމުގެ ބާރުތައް ހިފެހެއްޓިފައިވާ ރައީސް ޔޫން ވަނީ ވޭތުވެދިޔަ ހަފްތާތަކުގައި ސިއޯލްގެ ހަނާމް-ދޮންގް ރެސިޑެންސްގައި ތަޅުލައިގެން އިންނަވައި “އެންމެ ފަހަށް” ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޑިސެމްބަރު 3 ގައި މާޝަލް ލޯ އިއުލާނުކުރެއްވި ކަމަށް ރައީސް ޔޫން ވިދާޅުވެފައިވަނީ “ދައުލަތާ ދެކޮޅު” އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އޭނާގެ އެޖެންޑާ ހުއްޓުވަން މަސައްކަތްކުރާތީ، އެކަން ހުއްޓުވުމަށް ކުރެއްވި ގާނޫނީ ވެރިކަމުގެ އަމަލެއްގެ ގޮތުގައެވެ.
މަތީ ފަންތީގެ އޮފިޝަލުންނާ ބެހޭ ކޮރަޕްޝަން ތަހުގީގު އޮފީހުން ބުނެފައިވަނީ ރިޔާސީ ގަނޑުވަރަށް ތަހުގީގުކުރާ ފަރާތްތައް ވަދެ 5 ގަޑިއިރު ފަހުން ރައީސް ޔޫން ހައްޔަރުކުރި ކަމަށެވެ. ރިޔާސީ ގަނޑުވަރުން ފުލުހުންގެ އެސްކޯޓާއެކު ކަޅު އެސްޔޫވީ ކާރުތަކެއް ފެނިފައިވާ ކަމަށް ބުނެވެއެވެ. ރައީސް ޔޫން ގެންދެވުނު ކަމަށް ބެލެވޭ ވެހިކަލެއް ފަހުން ގްވަޗިއޯންގައި ހުރި އެ އޭޖެންސީގެ އޮފީހަށް ވަދެފައިވާ ކަމަށްވެސް ބުނެވެއެވެ.
ރައީސް ޔޫން ހައްޔަރުގައި ހުންނާނީ ކިހާ ދުވަހަކަށްތޯ އަދި ކަށަވަރެއް ނުވެއެވެ. އެންޓި-ކޮރަޕްޝަން އޭޖެންސީއަށް 48 ގަޑިއިރުގެ ތެރޭގައި ބަޣާވާތެއް ކުރަން މަސައްކަތްކުރި ކަމުގެ ދައުވާގައި ރަސްމީކޮށް ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދެވިދާނެއެވެ.
ޑިސެމްބަރު 14 ގައި ރައްޔިތުންގެ މަޖިލީހުން ރައީސް ޔޫން އިމްޕީޗްކުރުމާ ގުޅިގެން އޭނާގެ ރައީސްކަމުގެ ބާރުތައް ވަނީ ވަގުތީގޮތުން ހިފެހެއްޓިފައެވެ. މިހާރު އިމްޕީޗްމަންޓް މައްސަލަ ވަނީ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށަހެޅިފައެވެ. އެ ކޯޓުން ރައީސް ޔޫން މަގާމުން ވަކިކުރުމަށް ނިންމައިފިނަމަ، އޭނާ ދާއިމީކޮށް މަގާމުން ވަކިވާނެއެވެ. ނަމަވެސް މައްސަލަ ބާތިލުކޮށްފިނަމަ، އޭނާއަށް އަލުން މަގާމު ލިބޭނެއެވެ.
މި މައްސަލައިގައި ރައީސް ޔޫންގެ މާޝަލް ލޯ އިއުލާނުކުރުމަކީ ބަޣާވާތެއް ކުރަން މަސައްކަތްކުރުންތޯ ބެލުމަށް އެންޓި-ކޮރަޕްޝަން އޭޖެންސީއާއި ފުލުހުންނާއި މިލިޓަރީން ގުޅިގެން ތަހުގީގުތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.
މި ހާދިސާއަކީ ދެކުނު ކޮރެއާގެ ތާރީޚުގައި މަގާމުގައި ހުރި ރައީސަކު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ގައުމުގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކަންކަން ހިނގައިދާނެކަމަށް ބެލެވެއެވެ.