ޣައްޒާ ސިޓީގެ އިރުމަތީގައިވާ އަތް-ތުއްފާހް ސަރަޙައްދުގައި ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި 3 ފަލަސްޠީނު އާންމުންގެ މީހުން ޝަހީދުކޮށްލައިފިއެވެ.
އެ ސަރަޙައްދުގައި އެއްވެ ތިބި ބަޔަކަށް އިސްރާއީލުގެ ބާރުތަކުން ޑްރޯނަކުން ދިން ހަމަލާގައި 3 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް “ވަފާ” ނޫހުން ބުނެފައިވެއެވެ.
މި ހަމަލާ އައިސްފައިވަނީ ބައިނަލްއަޤްވާމީ ޢަދުލު ކޯޓުން (އައިސީޖޭ) އިސްރާއީލަށް ރަފާހުގައި ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓާލުމަށް އަމުރުކުރުމަށްފަހުގައެވެ. އައިސީޖޭގެ މި އަމުރަކީ ޤާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭ އަމުރެކެވެ. ނަމަވެސް އިސްރާއީލުން ވަނީ މި އަމުރަށް އަޅާނުލައި، ޣައްޒާގައި ޖެނޮސައިޑް ހަނގުރާމަ ކުރިއަށް ގެންގޮސްފައެވެ.
އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި ނުރައްކާތެރި ހަނގުރާމައެއް ހިންގާފައެވެ. މި ހަނގުރާމާގައި މިހާތަނަށް މަދުވެގެން 46,876 ފަލަސްޠީނުން ޝަހީދުވެ، 110,642 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން 10,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ވެއްޓި ކުނިތަކުގެ ދަށުގައި ފޮރުވިފައެވެ. މި މީހުންވެސް ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.
ފަލަސްޠީނު އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވެ އަދި ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ގާތްގަނޑަކަށް 2 މިލިއަން މީހުން ވަނީ ނުރައްކާތެރި ހާލަތުގައި ސަލާމަތްވުމަށް ފިލާފައެވެ. މި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ މިޞްރާ ދެމެދުގައިވާ ބޯޑަރު ކައިރީގައިވާ ރަފާހު ސިޓީއަށް ޖަމާވެފައެވެ. މިއީ 1948 ވަނަ އަހަރު ހިނގި ނަކްބާ ކާރިސާއަށްފަހު ފަލަސްޠީނުގައި ހިނގާފައިވާ އެންމެ ބޮޑު ހިޖުރައިގެ ހާދިސާއެވެ.