މިއަދު އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމުގެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ގަޑިއިރުތަކެއް ކުރިން، ޓިކްޓޮކްގެ ޚިދުމަތް ހުއްޓާލައިފިއެވެ.
އެމެރިކާގެ ބޭނުންކުރާ ފަރާތްތަކަށް އެޕްގައި ފެންނަ މެސެޖެއްގައި ބުނެފައިވަނީ ޓިކްޓޮކް މަނާކުރާ ގާނޫނެއް ފާސްކޮށްފައިވާތީ “މިވަގުތު ޓިކްޓޮކް ބޭނުން ނުކުރެވޭނެ” ކަމަށެވެ. އަދި “އަލަށް އިންތިޚާބުވި ރައީސް ޓްރަމްޕް ވަނީ އޭނާ މަޤާމާ ހަވާލުވުމަށްފަހު ޓިކްޓޮކް އަލުން ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައި” ކަމަށް ބުނެފައިވެއެވެ.
މިކަން މިހެން ދިމާވެފައިވަނީ، އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ ގާނޫނު ތަންފީޒު ނުކުރާނެކަމުގެ ޔަގީންކަން ބައިޑެންގެ އިދާރާއިން ނުދޭނަމަ އާދިއްތަ ދުވަހު “އަނދިރިވެގެންދާނެ” ކަމަށް ޓިކްޓޮކުން އިންޒާރުދިނުމަށްފަހުއެވެ. ރައީސްކަމާ ހަވާލުވާން ހުރި ޑޮނަލްޑް ޓްރަމްޕް ވަނީ މަޤާމާ ހަވާލުވުމަށްފަހު ޓިކްޓޮކް މަނާކުރުން 90 ދުވަހަށް ފަސްކުރާނެ ކަމަށް ގިނަ ފަހަރެއްގެ މަތިން ވިދާޅުވެފައި ވެއެވެ.
ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެޕްލް އާއި ގޫގުލްގެ އެމެރިކާގެ އެޕް ސްޓޯތަކުން ޓިކްޓޮކް ނަގާލާފައިވާ އިރު، TikTok.com ގައި ވީޑިއޯތައް ނުދައްކައެވެ.
ޗައިނާ ސަރުކާރާ ގުޅުން ހުރި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، ޤާނޫނު ހަދާ މަޖިލީހުން ވަނީ ޓިކްޓޮކް މަނާކުރުމަށް ވޯޓުދީފައެވެ. ނަމަވެސް ޓިކްޓޮކުން ވަނީ ބެއިޖިންއާ މަޢުލޫމާތު ހިއްސާނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ޓިކްޓޮކްގެ އެމެރިކާގެ ވަރޝަން 19 ޖެނުއަރީގެ ކުރިން ވިއްކާލުމަށް ބައިޓްޑާންސްއަށް އަންގާފައިވާ އިރު، އެކަން ނުކޮށްފިނަމަ މުޅިން މަނާކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޓިކްޓޮކުން ވަނީ މި ގާނޫނު ޗެލެންޖްކޮށް، އެމެރިކާގެ 170 މިލިއަން ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަ ކަމަށް ބުނެފައެވެ.
ޓިކްޓޮކް ބަންދުވުމުގެ ކުރިން ގިނަ ކޮންޓެންޓް ކްރިއޭޓަރުން ވަނީ އެމީހުންގެ ފޮލޯވަރުންނާ ވަދާޢު ކިޔާ ވީޑިއޯތައް ޕޯސްޓްކޮށްފައެވެ. ކްރިއޭޓަރ ނިކޯލް ބްލޫމްގާޑަން ބީބީސީއަށް ބުނި ގޮތުގައި ޓިކްޓޮކް ބޭނުން ނުކުރެވުމުން އޭނާގެ މުސާރައަށް ބޮޑު އަސަރެއް ކުރާނެކަމަށް ބުނެފައެވެ.