ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ހޮނިހިރު ދުވަހު ވަނީ ޣައްޒާ “ހިފުމަށް” އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށް ލަންޑަންގެ މެދުތެރޭގައި ހިނގާލުމެއް ބާއްވާފައެވެ.
ފަލަސްތީނު ސޮލިޑަރިޓީ ކެމްޕެއިން (ޕީއެސްސީ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް އުފުލައި ” ހޭންޑްސް އޮފް ގާޒާ” އަދި “ޓްރަމްޕާ ދެކޮޅަށް ތެދުވުން” ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަޑުއުފުލާފައެވެ. އަނެއް ބަޔަކު ހިފައިގެން ތިބި ބެނާތަކުގައި ލިޔެފައި އޮތީ “މިސްޓަރ ޓްރަމްޕް، ކެނެޑާއަކީ ތިޔަބޭފުޅުންގެ 51 ވަނަ ސްޓޭޓެއް ނޫން. ޣައްޒާއަކީ ތިބާގެ 52 ވަނައެއް ނޫނެވެ.” މުޒާހަރާގެ ބައިވެރިން ވަނީ ވެސްޓްމިންސްޓާގެ ވައިޓްހޯލް އިން ލަންޑަންގެ ހުޅަނގު ދެކުނުގައި އޮންނަ ނައިން އެލްމްސްގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަމައަށް ހިނގާފަ އެވެ.
ޣައްޒާ އަލުން ތަރައްގީކޮށް “މެދުއިރުމަތީގެ ރިވީރާ” އަށް ބަދަލުކުރުމަށް ޓްރަމްޕް މި މަހުގެ ކުރީކޮޅު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބައިނަލްއަގުވާމީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އޭނާގެ ޕްލޭންގައި ފަލަސްތީނު މީހުން ޣައްޒާއަށް އެނބުރި ދެވޭނެ އިންތިޒާމެއް ނެތި އެހެން ތަނަކަށް ވަޒަންވެރި ކުރުވުން ހިމެނެ އެވެ.
މި މުޒާހަރާއަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއާ ދެމެދު ހިނގި ހަމަނުޖެހުންތައް ހޫނުވި ފަހުން ލަންޑަނުގައި ފަލަސްތީނަށް ތާއީދުކުރާ 24 ވަނަ ބޮޑު މުޒާހަރާއެވެ.



