އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި 30 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މިއީ އިސްރާއީލުން ޣައްޒާގެ ދެކުނުގައި “ސެކިއުރިޓީ ކޮރިޑޯ” އެއް ޤާއިމުކޮށް، އެ ސަރަހައްދަށް އެ ޤައުމުގެ އަސްކަރިއްޔާ ވައްދާފައިވާ ދަނޑިވަޅެއްގައެވެ.
މެޑިކަލް ސޯސްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދެކުނުގެ ހާން ޔޫނިސްގައި ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 6 މީހުން ޝަހީދުވެފައިވެއެވެ. އަދި އުތުރުގެ ބައިތު ހަނޫންގައި ދިން ހަމަލާއެއްގައި އިތުރު 6 މީހުން ޝަހީދުވެފައިވެއެވެ.
މާޗް މަހުގެ މެދުތެރޭގައި ހަމާސްއާއެކު ވެފައިވާ ހުއްޓުމަކަށް އައި ހަނގުރާމައިގެ ވަގުތީ ހުއްޓުން ނިމުމަކަށް ގެނެސް، އިސްރާއީލުން ވަނީ ޣައްޒާގެ އިތުރު ސަރަހައްދުތަކެއް ހިފަން މަސައްކަތް ފަށާފައެވެ. އޭގެ ފަހުން އިސްރާއީލުން ވަނީ ހަމަލާތައް އިތުރަށް ހަރުކަށިކޮށްފައެވެ.
އިސްރާއީލުގެ ބަޔާންތަކުގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި ހިފެހެއްޓި އިސްރާއީލީ ބަންދީން ދޫކުރަންދެން މި ހަމަލާތައް ކުރިއަށް ގެންދާނެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ އައު “މޮރާގް ކޮރިޑޯ” އެއް ޤާއިމުކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. އަދި މި ކޮރިޑޯއިން ދެކުނުގެ ރަފާހު ސިޓީ، ޣައްޒާގެ އެހެން ސަރަހައްދުތަކާ ވަކިކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އިސްރާއީލުން ވަނީ ރަފާހުގެ ރައްޔިތުން އެ ސަރަހައްދުން ނެރުމަށް އަމުރުކޮށްފައެވެ.



