މައިކްރޯސޮފްޓްގެ 50 އަހަރުގެ ޖަލްސާ ކުރިއަށްދަނިކޮށް، އިޒްރޭލާއެކު އެ ކުންފުނިން ކުރަމުންދާ މުއާމަލާތްތަކާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުން އިހުތިޖާޖު ކޮށްފިއެވެ.
ރެޑްމަންޑްގައި ބޭއްވުނު މި ޖަލްސާގައި މައިކްރޯސޮފްޓްގެ އޭއައި ސީއީއޯ މުސްތަފާ ސުލައިމާން ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެ ކުންފުނީގެ މުވައްޒަފު އިބްތިހާލް އަބޫސާދު “ތިޔައީ ހަނގުރާމައިގެ ފައިދާ ނަގާ ބައެއް، ނަސްލު ހަލާކު ކުރުމަށް އޭއައި ބޭނުން ކުރުން ހުއްޓާލާ” މިހެން ބުނެ ހަޅޭއްލަވާލިއެވެ.
މީގެ އިތުރުން އެ ކުންފުނީގެ އަނެއް މުވައްޒަފު ވަނިޔާ އަގްރަވާލްވެސް، މައިކްރޯސޮފްޓްގެ ކުރީގެ ސީއީއޯ ސްޓީވް ބޯލްމަރ އަދި މިހާރުގެ ސީއީއޯ ސަތްޔާ ނަދެއްލާ އާއެކު ބިލް ގޭޓްސް ސްޓޭޖްގައި ތިއްބަވަނިކޮށް އިހުތިޖާޖު ކޮށްފައިވެއެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، ގައްޒާ އަދި ލެބަނަންގައި ބޮންގުޅަ އަމާޒުކުރާނެ ތަންތަން ހޯދުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން މައިކްރޯސޮފްޓް އަދި އޯޕަން އޭއައިގެ އޭއައި މޮޑެލްތައް ބޭނުންކޮށްފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރު ލެބަނަންގެ އާއިލާއެއް ދަތުރުކުރަމުންދިޔަ ވެހިކަލްއަކަށް އިޒްރޭލުން ދިން ހަވާއީ ހަމަލާއެއްގައި ތިން ކުޑަކުދިންނާއި އެކުދިންގެ މާމަ ޝަހީދުވެފައިވެއެވެ.
ޢައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލްގެ އަސްކަރިއްޔާއިން އޭއައި އަދި ކްލައުޑް ކޮމްޕިއުޓިންގ ޓެކްނޮލޮޖީގެ ބޭނުން އިތުރުކޮށްފައިވާއިރު، މައިކްރޯސޮފްޓްގެ ޚިދުމަތްތައް އިޒްރޭލްގެ އަސްކަރީ އޮޕަރޭޝަންތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.



