އަލަށް އުފަންވާ ކުދިންނާއި ދުވަސްނުފުރާ އުފަންވާ ކުދިންނަށް ބޭނުންވާ ކުޑަކުދިންގެ ކިރު މުޅިން ހުސްވެފައިވުމާ ގުޅިގެން ނުރައްކާތެރި ޞިއްޙީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔޫނިސްގެ ނާސަރ މެޑިކަލް ކޮމްޕްލެކްސްގެ ޞިއްޙީ މަސްދަރަކުން ދީފިއެވެ.
ވަފާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާގޮތުގައި އެތައް ސަތޭކަ އަލަށް އުފަންވާ ކުދިންނާއި ދުވަސްނުފުރާ ވިހޭ ކުދިން މިހާރު ދަނީ މަރާ ހަނގުރާމަކުރަމުންނެވެ. އަދިއެއީ ހޮސްޕިޓަލްތަކުގައި ވެސް، ފާމަސީތަކުގައި ވެސް، މާރުކޭޓުތަކުގައި ވެސް އަދި މެޑިކަލް ޖަމްޢިއްޔާތަކުގެ ގުދަންތަކުގައި ވެސް ކުޑަކުދިންގެ ކިރު ނެތުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
އިޒްރޭލުން ޣައްޒާގެ ބޯޑަރު ކްރޮސިންގްތައް ބަންދުކޮށްފައި ބޭއްވުމުގެ ސަބަބުން، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ހިމެނޭ އިންސާނީ އެހީ ވަނީ ވަދެވޭގޮތް ބަންދުވެފައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް އެއްޗެއްގެ ގޮތުގައި ކުޑަކުދިންގެ ކިރު ހިމެނެއެވެ.
މި މަސްދަރުން އިތުރަށް ވިދާޅުވީ، 48 ގަޑިއިރު ތެރޭގައި ދުވަސްނުފުރާ ވިހާ ކުދިންނާއި އަލަށް އުފަންވާ ކުދިންގެ ފުރާނަ ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި އެ ކުދިންނަށް ދޭނެ ކިރު ނެތުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގެ ނިއުބޯން ޔުނިޓަށް ދުވާލަކު 22 ކުއްޖަކު އަންނަ ކަމަށާއި، އޭގެ ގިނަ ކުދިންނަކީ ކެއުމުގެ ދަތިކަން ދިމާވެފައިވާ ކުދިން ކަމަށް ވެސް އެ މަސްދަރުން ފާހަގަކުރެއްވިއެވެ.
މާރޗް 2 އިން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާއަށް ވަނުން ބަންދުކޮށްފައެވެ. އަދި ބޯޑަރުގައި ހުރި އެހީ ވެސް ވައްދަން ވަނީ ދެކޮޅުހަދާފައެވެ. މިކަމުގެ ސަބަބުން 2.4 މިލިއަން މީހުން ދިރިއުޅޭ މި ސަރަޙައްދުގެ އާބާދީ ވަނީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައެވެ. އަދި މިހާރު ވެސް ވަނީ ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.



