އެމެރިކާއިން ސީރިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. މިއީ ރައީސް ބަޝާރް އަލް-އަސަދްގެ ވެރިކަން ވައްޓާލިތާ 6 މަސް ފަހުން، އެ ގައުމަށް އިންވެސްޓްމަންޓްތައް ހުޅުވިގެންދާނެ ފިޔަވަޅެކެވެ.
ޔޫއެސް ޓްރެޜަރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޯމަ ދުވަހު ޓްރަމްޕް ނެރުއްވި މި އަމުރުގެ ދަށުން ސީރިއާގެ ތަރައްގީއަށާއި، ސަރުކާރު ހިންގުމަށާއި، އަދި ގައުމުގެ އިޖްތިމާއީ ފޭރާން އަލުން ބިނާކުރުމަށް މުހިންމު ފަރާތްތަކަށް ދަތިތަކުންން ލުޔެއް ލިބިގެންދާނެއެވެ.
2011 ވަނަ އަހަރު ސީރިއާގައި ކުރަންފެށި ހަނގުރާމައިގެ ކުރިން ވެސް، އެ ގައުމުގެ ސަރުކާރުގެ މައްޗަށް އެމެރިކާގެ ހަރުކަށި މާލީ ދަތިތަކެއް އަޅާފައިވެއެވެ. ކުރީގެ ސަރުކާރުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހިންގި އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އެޅި މި ފުޅާ ދާއިރާގެ ދަތިތަކުގެ ސަބަބުން، އެ ގައުމު އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އަދި އަލް-އަސަދްގެ ވެރިކަމުގައި ސީރިއާގެ އިގްތިސާދު ފުނޑުފުނޑުވެ ދިއުމަށް މިކަން ވަނީ މަގުފަހިވެފައެވެ.
މެއި މަހު މެދު އިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕް ވަނީ ސީރިއާއަށް ދަތިތަކުން ލުޔެއް ދެއްވާނެކަމުގެ ވައުދު ވެވަޑައިގެންފައެވެ. ހޯމަ ދުވަހު ނެރުއްވި ބަޔާނުގައި އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ އިސްތިގްރާރުވެފައިވާ، އެއްބައިވަންތަ، އަދި އަވަށްޓެރިންނާއެކު ސުލްހަވެރިކަމާއެކު އޮންނަ ސީރިއާއެއް ބިނާކުރުމަށް އެމެރިކާއިން އެހީތެރިވެދޭން ބޭނުންވާ ކަމަށެވެ.
އެމެރިކާގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި އަލް-އަސަދް އާއި އޭނާގެ ބައިވެރިންނާއި، އައިސިސް އަދި އީރާނާއި އެ ގައުމުގެ ހަވާދީންގެ މައްޗަށް އަޅާފައިވާ ދަތިތައް ދެމިއޮންނާނެއެވެ. ޔޫއެސް ޓްރެޜަރީން މިހާރު ވަނީ 518 ސީރިއާގެ ފަރުދުންނާއި ޖަމާއަތްތައް ދަތީގެ ލިސްޓުން އުނިކޮށްފައި ނަމަވެސް، ބައެއް ދަތިތައް ވަގުތުން ނުނެގި ހުންނާނެކަމަށް ބެލެވެއެވެ.



