ޤަތަރަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ވަކި ފިޔަވަޅުތަކެއް އެޅުމަށް ޤަތަރުން ގޮވާލުމާ އެކު، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޖޮއިންޓް ޑިފެންސް ބޮޑީގެ ބައްދަލުވުމެއް ބޭއްވުމަށް ގަލްފު ލީޑަރުން ނިންމައިފިއެވެ.
ޤަތަރުގައި އެއްވެފައިވާ 50 އަށް ވުރެ ގިނަ މުސްލިމް އަދި އަރަބި ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ޖީސީސީގެ ލީޑަރުން ހިމެނެއެވެ. މި ބައްދަލުވުމުގައި ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދް އަލްތާނީ ވަނީ ހަމާސްގެ ސިޔާސީ އޮފިޝަލުންނަށް އިސްރާއީލުން ދިން ހަމަލާއަކީ ސާފު، ޣައްދާރު އަދި ފިނޑި ހަމަލާއެއް ކަމުގައި ވިދާޅުވެފައެވެ.
ޖީސީސީން ނެރުނު ބަޔާނުގައި، އިސްރާއީލުން ޤަތަރަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރިކޮށް، މިއީ ގަލްފުގެ ޖޮއިންޓް ސެކިއުރިޓީއަށާއި ސަރަހައްދީ ސުލްހައާއި ސްޓެބިލިޓީއަށް ސީދާ ނުރައްކަލެއް ކަމުގައި ބުނެފައިވެއެވެ. އަދި ޖޮއިންޓް ޑިފެންސް ކައުންސިލް އަދި ހަޔަރ މިލިޓަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
2000 ވަނަ އަހަރު ޖީސީސީ މެންބަރު ގައުމުތަކުން ސޮއިކުރި ޖޮއިންޓް ޑިފެންސް އެގްރީމެންޓްގައި، އެއް މެންބަރަކަށް ދެވޭ ހަމަލާއަކީ ހުރިހާ މެންބަރުންނަށް ދެވޭ ހަމަލާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ނޭޓޯ މިލިޓަރީ އެލަޔަންސްގެ ފަދައިން ޖީސީސީގެ ދިފާއީ އެއްބަސްވުން އެހާ ވަރުގަދައެއް ނޫނެވެ.
މީގެ އިތުރުން، މިޑްލް އީސްޓް އައި އިން ހާމަކުރި ގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޤަތަރަށް އިސްރާއީލުން ދިން ހަމަލާއަށް ހެޔޮއެދުން ފާޅުކޮށްފައެވެ. އަދި އެކްސިއޯސް ނިއުސް ސައިޓުން ވެސް ވަނީ ޓްރަމްޕްގެ ކުރީގެ އެނގުމާއި ރުހުން އޮތްކަން ކަށަވަރުކޮށްދީފައެވެ.