ދެކުނު ލުބުނާނުގެ ބިންތް ޖުބައިލް ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ތިން ކުޑަކުދިންނާއެކު ޖުމްލަ 5 މީހުން މަރުވެއްޖެކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ ނޮވެމްބަރު މަހު އެމެރިކާގެ މެދުވެރިކަމުގައި ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުގައެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކުރި ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ މޮޓޯސައިކަލަކާއި އެއްގަމު އުޅަނދަކަށެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް ޒަހަމްވެފައިވެއެވެ. ލުބުނާނުގެ ޕާލިމެންޓުގެ ސްޕީކަރު ނަބީހް ބެރީ ވިދާޅުވި ގޮތުގައި މަރުވެފައިވާ ކުޑަ ތިން ކުދިންކަމަށްވާ ސެލީން، ހާދީ އަދި އަސީލް އާއި އެ ކުދިންގެ ބައްޕައަކީ އެމެރިކާގެ ރައްޔިތުންނެވެ. އަދި ކުދިންގެ މަންމައަށް ވަނީ މި ހަމަލާގައި ޒަހަމްވެފައެވެ.
ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނެއް ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި މަރުވި ފަސް މީހުންނަކީ އެމެރިކާގެ ރައްޔިތުން ނޫނެވެ. އޭގެ ތެރެއިން އެކަކަށް ކުރިން އިމިގްރަންޓް ވިސާ ޕެޓިޝަނެއް ލިބިފައިވާ ކަމަށް އެ ތަރުޖަމާނު ވިދާޅުވިއެވެ.
އިސްރާއީލުން ބުނެފައިވަނީ މި ހަމަލާގައި ހިޒްބުއްލާގެ މެންބަރެއް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންވެސް މަރުވެފައިވާކަން އެ ޤައުމުން ވަނީ ޤަބޫލުކޮށްފައެވެ. ޔޫއެން ޖެނެރަލް އެސެމްބްލީގައި ހުންނެވި ލުބުނާނުގެ ރައީސް ޖޯސެފް އައުން މި ހަމަލާ ކުށްވެރިކުރައްވައި، މިއީ ޤަތުލްއާންމެއްް ކަމަށް ވިދާޅުވެފައެވެ.