އިސްރާއީލާއި ހަމާސްއިން ޣައްޒާގައި ދެ އަހަރު ވަންދެން ކުރިއަށްދިޔަ ހަނގުރާމަ ނިންމުމަށް ހުށަހެޅި ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި ދެފަރާތުންވެސް ސޮއިކޮށްފިކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާނުކޮށްފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް “ޓްރުތް ސޯޝަލް” ގައި ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހުރިހާ ރަހީނުންވެސް ދޫކޮށްލާނެއެވެ. އަދި އިސްރާއީލުގެ ސިފައިން އެއްބަސްވެފައިވާ ސަރަހައްދަކަށް އަނބުރާ ގެންދާނެއެވެ. މިއީ ދެމެހެއްޓެނިވި އަދި ދާއިމީ ސުލްހައަކަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން މާޖިދް އަލް-އަންސާރީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މާއްދާތަކަކާއި ތަންފީޒުކުރާނެ ގޮތްތަކާ މެދު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މީގެ ސަބަބުން ހަނގުރާމަ ނިމި، އިސްރާއީލީ ރަހީނުންނާއި ފަލަސްތީނު ހައްޔަރީން ދޫކޮށްލައި، އެހީ ވަނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ބުނެފައިވަނީ މިއީ އިސްރާއީލަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ހަމާސް ޓީމުގެ އިސްވެރިޔާ ޚަލީލް އަލް-ހައްޔާ ވިދާޅުވެފައިވަނީ ހަނގުރާމަ ނިންމައި، އިސްރާއީލުގެ ސިފައިން ޣައްޒާއިން ފުރިހަމައަށް ނެރެ، އިސްރާއީލީ ރަހީނުން ދޫކޮށްލުމާ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ހައްޔަރީން ދޫކޮށްލުމަށް މަޝްވަރާކުރުމަށް ޝަރަމް އައް-ޝައިޚަށް ވަޑައިގެންނެވި ކަމަށެވެ.