އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެ ގައުމުގެ އެންމެ ފަހުގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ހިމެނޭ ބޮޑު އަސްކަރީ ޕެރޭޑެއް ބާއްވައި، ބައިނަލްއަގްވާމީ ވަފުދުތަކުގެ ހާޒިރުގައި އެ ހަތިޔާރު ދައްކާލައިފިއެވެ. މިކަން އެ ޤައުމުގެ ސަރުކާރުގެ ނޫސް އޭޖެންސީ ކޭސީއެންއޭ އިން ވަނީ ރިޕޯޓުކޮށްފައެވެ.
ވޯކަރސް ޕާޓީ އޮފް ކޮރެއާގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ޕެރޭޑުގައި ޗައިނާގެ ޕްރިމިއަރ ލީ ޗިއާންގް، ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް އަދި ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ޓޯ ލާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޕެރޭޑުގައި އުތުރު ކޮރެއާއިން ވަނީ ހްވަސޮންގް-20 އައިސީބީއެމް ދައްކާލާފައެވެ. މިއީ އެ ގައުމުގެ “އެންމެ ވަރުގަދަ ނިއުކްލިއަރ ސްޓްރެޓެޖިކް ހަތިޔާރު” ކަމަށް ކޭސީއެންއޭ އިން ބުނެފައިވެއެވެ.
ޔޫއެސް-ބޭސްޑް ކާނެގީ އެންޑަވްމަންޓް ފޮރ އިންޓަނޭޝަނަލް ޕީސްގެ އަންކިޓް ޕަންޑާ ވިދާޅުވި ގޮތުގައި ހްވަސޮންގް-20 އަކީ މި ވަގުތަށް އުތުރު ކޮރެއާގެ ދުރު ރޭންޖް ނިއުކްލިއަރ ހަތިޔާރުގެ އެންމެ މަތީ ހަރުފަތެވެ. މި އަހަރު ނިމުމުގެ ކުރިން މި ސިސްޓަމް ޓެސްޓުކުރާނެ ކަމަށް އުއްމީދުކުރާކަމަށް ވިދާޅުވިއެވެ.
ޕެރޭޑުގައި ދެއްކެވި ވާހަކަފުޅުގައި ކިމް ވަނީ ޔުކްރެއިންގެ ހަނގުރާމައިގައި ރަޝިއާއަށް ހަނގުރާމަކުރަމުންދާ އުތުރު ކޮރެއާގެ ސިފައިންނަށް ހިތްވަރު ދެއްވާފައެވެ. އަދި އެ ސިފައިންގެ ބަޠަލުކަން ގައުމީ ދިފާއުގެ ތެރެއިން “ސޯޝަލިސްޓް ކޮންސްޓްރަކްޝަންގެ އައުޓްޕޯސްޓްތަކާ” ހަމައަށް ފޯރާނެ ކަމަށް ވިދާޅުވިއެވެ.