ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހައްޔަރުން ދޫކުރާ މީހުންގެ ތެރޭގައި ކުޑަކުދިންގެ ޑޮކްޓަރު ހުސާމް އަބޫ ސަފިއްޔާ އާއި އިތުރު ޑޮކްޓަރެއް ހިމެނިގެން ނުދާނެ ކަމަށް އިސްރާއީލުން ބުނެފައިވާކަމަށް ހަމާސްގެ އިސް އޮފިޝަލެއް ބުނެފިއެވެ.، .
ޑރ. ސަފިއްޔާ ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލީ ސިފައިން ވަދެ، ބަލިމީހުން ދޫކޮށް ދިއުމަށް ކުރި އަމުރަށް އިންކާރު ކުރުމަށް ތަޅާ އަނިޔާކޮށް ގަދަކަމުން ގެންގޮސްފައެވެ. އޭނާ ހައްޔަރުކުރި ފަހުން އިސްރާއީލީ ސިފައިން ބުނެފައިވަނީ “ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވެފައި ވެދާނެ” ކަމަށް ޝައްކުކުރެވޭތީ ސުވާލުކުރަމުންދާ ކަމަށެވެ.
ޑރ. ސަފިއްޔާގެ ވަކީލު ޣައިދް ޣާނިމް ޤާސިމް ހާމަކުރި ގޮތުގައި، އިސްރާއީލުގެ އޯފަރ ޖަލުގައި ހުރި އޭނާގެ ބަރުދަން ތިންބައިކުޅަ އެއްބަޔަށް ލުއިވެފައިވާކަމަށެވެ. އަދި އޭނާއަށް އަނިޔާކުރަމުންދާ ކަމަށާއި، ބޭސްފަރުވާއަށް އެދުމުން އެކަން ކޮށްދެމުން ނުދާކަމަށް ވަކީލު ވަނީ ފާހަގަކޮށްފައެވެ. “ހައްޔަރުކުރިއިރު 100 ކިލޯ ހުރި އޭނާގެ ބަރުދަން މިހާރު ވަނީ 60 ކިލޯއަށް ދަށްވެފައި،” ވަކީލު ވިދާޅުވިއެވެ.
މީގެއިތުރުން، ރަފަހުގެ އަބޫ ޔޫސުފް އަލް-ނައްޖާރު ހޮސްޕިޓަލުގެ ޑިރެކްޓަރު އަދި ގާޒާގެ ފީލްޑް ހޮސްޕިޓަލްތަކުގެ ބެލެނިވެރިޔާ ޑރ. މަރުވާން އަލް-ހަމްސްވެސް ދޫކޮށްނުލާނެ ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފައިވެއެވެ. ޑރ. ހަމްސް ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު، އާންމު ހެދުން އަޅައިގެން ތިބި އިސްރާއީލީ ސިފައިން އަތުލާފައެވެ.
ފަލަސްތީނުގެ ހެލްތްކެއަރ ވޯކަރސް ވޮޗްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު އިސްރާއީލުގެ ބަންދުގައި ގާޒާގެ 28 ޑޮކްޓަރުން ތިބިއިރު، އޭގެ ތެރޭގައި ސަރޖަރީ، އޯތޮޕީޑިކްސް އަދި އެހެނިހެން ދާއިރާތަކުގެ 8 ސީނިއަރ ކޮންސަލްޓަންޓުން ހިމެނެއެވެ.