ޣައްޒާގައި ހައްޔަރުކުރެވިފައިވާ މީހުންގެ ހަށިތައް ހޯދުމަށް ލަސްވަމުންދާ ކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން ކަމަށް ހަމާސްއިން ބުނެފިއެވެ.
އިސްރާއީލުގެ އޮފިޝަލުން ބުނެފައިވަނީ، ދެ އަހަރު ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މެދުވެރިކަމާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ހަމާސްއިން ހަށިތައް ރައްދުކުރަން އެއްބަސްވެފައިވާއިރު، އެކަން ނުކޮށް ލަސްކުރަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރަފާހު ބޯޑަރު ބުދަ ދުވަހުވެސް ބަންދުކޮށްފައި ބާއްވާނެ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
ނަމަވެސް ހަމާސްގެ މަސްދަރުން ބުނާ ގޮތުގައި، މަޝްވަރާތަކުގައި އެމީހުން ސާފުކޮށް ބުނެފައިވަނީ އިސްރާއީލުގެ ބާރުތައް ޣައްޒާގައި އޮތުމާއި، އިސްރާއީލުން ދެމުންގެންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ގިނަ ތަންތަން ހަލާކުވެފައިވާތީ، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތާއި މަސައްކަތް ބޭނުންވާނެ ކަމަށެވެ.
“މަޝްވަރާތަކުގައި ސާފުކޮށް ބުނެފައިވާނެ، އިސްރާއީލުގެ ބާރުތައް ފުރައިގެން ދިއުމަށްފަހު، ހަށިތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ގިނަ ވަގުތާއި މަސައްކަތް ބޭނުންވާނެ ކަމަށް،” ހަމާސްގެ މަސްދަރު ބުންޏެވެ.
އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 245,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެ އަދި ޒަހަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ޔޫރަޕުގެ ބޮޑެތި ސިޓީތަކަށް ދިން ހަމަލާތަކަށްވުރެ ގިނަ ހަމަލާ ޣައްޒާއަށް ދީފައިވާކަން ފާހަގަކުރެވެއެވެ.
ހަމާސްއިން ބުނާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހައްޔަރުކުރެވިފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައިވެއެވެ. އަދި މިކަމުގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުން ކަމަށް ހަމާސްއިން ބުނެފައިވެއެވެ.