ހަމާސްއިން އަމިއްލައަށް ހަތިޔާރު ދޫކޮށްލުމަށް އެއްބަހެއް ނުވާނެ ކަމަށާއި، ޣައްޒާ އަލުން ބިނާކުރުމަށްޓަކައި އިސްރާއީލާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 3 އިން 5 އަހަރަށް ދެމިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު މުހައްމަދު ނައްޒާލް ރޮއިޓަރސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
ހަތިޔާރު ދޫކޮށްލުމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ނައްޒާލް ވިދާޅުވީ، އާނއެކޭ ނުވަތަ ނޫނެކޭ ބުނެވޭކަށް ނެތް ކަމަށެވެ. “ތެދުތެދަށް ބުނަންޏާ، އެކަން ބިނާވެގެންވަނީ މަޝްރޫޢުގެ ބާވަތުގެ މައްޗަށް. ތިޔަ ވިދާޅުވާ ހަތިޔާރު ދޫކޮށްލުމުގެ މަޝްރޫޢުގެ މާނައަކީ ކޮބައިތޯ؟ ހަތިޔާރުތައް ހަވާލުކުރާނީ ކާކާތޯ؟” ނައްޒާލް އިތުރަށް ވިދާޅުވިއެވެ.
މިޑްލް އީސްޓް އައިއަށް އަރަބި ޑިޕްލޮމެޓުން ކުރިން ހާމަކުރި ގޮތުގައި، މެދުވެރިން ވަނީ ހަމާސްގެ ހަތިޔާރުތައް އަރަބި ސުލްހަވެރި ބާރުތަކާ ހަވާލުކުރުމާ ބެހޭގޮތުން ނުވަތަ ދުރަށް ޖެހޭ މިސައިލްތައް ފަދަ ހަތިޔާރުތައް ނައްތާނުލައި ރައްކާކޮށްފައި ބެހެއްޓުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
ނައްޒާލް އިތުރަށް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކުގައި ހަމާސްއިން “ސާފު” އަދި ސީދާ ޖަވާބެއް ދޭނެއެވެ. އަދި މިކަމުގައި ޣައްޒާގައި ހަރަކާތްތެރިވާ އެހެން ފަލަސްތީނު ޖަމާޢަތްތަކާވެސް މަޝްވަރާކުރަން ޖެހޭނެއެވެ.
“އަޅުގަނޑުމެންގެ އިސްކަމެއް ދެނީ މި މުއްދަތުގައި ޣައްޒާ އަލުން ބިނާކޮށް، އާންމު މަދަނީ ދިރިއުޅުމަކަށް އަނބުރާ ގެނައުން. ނަމަވެސް މި މުއްދަތަށްފަހު މުސްތަޤުބަލާމެދު ޔަޤީންކަން ބޭނުންވާ ފަރާތްތަކެއް ތިބިނަމަ، އެ ޤައުމުތަކުން ފަލަސްތީނު ރައްޔިތުންނަށް ހަޤީޤީ އުއްމީދެއް ހުށަހަޅަންޖެހޭނެ. ފަލަސްތީނު ރައްޔިތުން ބޭނުންވަނީ މިނިވަން ފަލަސްތީނު ދައުލަތެއް،” ނައްޒާލް ވިދާޅުވިއެވެ.