ޔުކްރެއިންގެ ހަނގުރާމައަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށް ބެލެވޭ ރަޝިއާގެ ތެޔޮ އަދި ގޭސް އިމްޕޯޓްކުރުން 2028 ވަނަ އަހަރާ ހަމައަށް ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރު ގައުމުތަކުން އެއްބަސްވެއްޖެއެވެ.
ލަކްސެމްބާގްގައި ހޯމަ ދުވަހު ބޭއްވުނު ބައްދަލުވުމެއްގައި ގިނަ އީޔޫ ހަކަތައިގެ ވަޒީރުން ވަނީ މި ޑްރާފްޓް ރެގިއުލޭޝަނަށް ވޯޓު ދީފައެވެ. މި ރެގިއުލޭޝަން ހިނގާނީ ޕައިޕްލައިން މެދުވެރިކޮށް އެތެރެކުރާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަށެވެ.
މި ޕްރޮޕޯސަލްގެ ދަށުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އީޔޫ މެންބަރު ގައުމުތަކުން ރަޝިއާއިން އަލަށް ގޭސް އިމްޕޯޓްކުރުމުގެ އެއްބަސްވުންތައް ހެދުން ހުއްޓާލަންޖެހޭނެއެވެ. އަދި 2026 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކުރުމުއްދަތުގެ އެއްބަސްވުންތަކާއި، 2028 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިގު މުއްދަތުގެ އެއްބަސްވުންތައް ނިމުމަކަށް ގެންނަންޖެހޭނެއެވެ.
ޑެންމާކުގެ ހަކަތައިގެ ވަޒީރު ލާސް އަގާޑް ވިދާޅުވީ މިއީ ޔޫރަޕް ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
“ފާއިތުވި އަހަރުތަކުގައި ރަޝިއާގެ ގޭހާއި ތެޔޮ ޔޫރަޕުން ބޭރުކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، އަދިވެސް އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް ނުދެވޭ،” އޭނާ ވިދާޅުވިއެވެ.
ހަންގޭރީ އާއި ސްލޮވާކިއާއިން މި އިނިޝިއޭޓިވްއާ ދެކޮޅު ހަދާފައިވީ ނަމަވެސް، މި ޕްރޮޕޯސަލް ފާސްކުރުމަށް 15 ގައުމުގެ އަޣުލަބިއްޔަތު ލިބުމުން އެ ދެ ގައުމަށް މިކަން ހުއްޓުވޭގޮތެއް ނުވިއެވެ. އަދި ކަނޑުން ބަންދުވެފައިވާ މެންބަރު ގައުމުތަކަށް ޚާއްސަ ލުއިތަކެއް މި ރެގިއުލޭޝަންގައި ހިމެނިފައިވެއެވެ.
މީގެ އިތުރުން، އީޔޫއިން ވަނީ ރަޝިއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލިކުއިފައިޑް ނެޗްރަލް ގޭސް (އެލްއެންޖީ) އިމްޕޯޓްކުރުން މަނާކުރުން ހިމެނޭ ކަމަށް އީޔޫގެ ބޭރު ގުޅުންތަކުގެ އިސް ވަކީލް ކާޖާ ކަލާސް ވިދާޅުވެފައިވެއެވެ.