އޮކްޓޯބަރު 11 ގައި ހަނގުރާ ހުއްޓާލަން އިއުލާނުކުރި ފަހުން، ގާތްގަނޑަކަށް ދެ ހަފްތާއަށް ބޭނުންވާ މިންވަރަށް، 500،000 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދެވޭ މިންވަރަށް، 6،700 މެޓްރިކް ޓަނުގެ ކާބޯތަކެތި ޣައްޒާއަށް ވެއްދިފައިވާކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ސީނިއަރ ރީޖަނަލް ކޮމިއުނިކޭޝަންސް އޮފިސަރ އަބީރު އެޓެފާ ވިދާޅުވެއްޖެއެވެ.
“މިހާރު ދުވާލަކު އެވްރެޖްކޮށް 750 ޓަނުގެ ކާބޯތަކެތި ވައްދަމުން އެބަގެންދަން. މިއީ ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް. އެހެންނަމަވެސް އަޅުގަނޑުމެންގެ ޓާގެޓް ކަމުގައިވާ ދުވާލަކު 2،000 ޓަނާ އަޅާބަލާއިރު މާ ދަށް އަދަދެއް،” އަބީރު އެޓެފާ ވިދާޅުވިއެވެ.
އަދި ހުރިހާ ބޯޑަރު ކްރޮސިންގްތަކެއް ބޭނުން ނުކުރެވޭނަމަ، މި ޓާގެޓަށް ވާސިލުވުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމެއް ކަމަށް ޑަބްލިއުއެފްޕީގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ. މިވަގުތު ހުޅުވިފައި ހުރީ ހަމައެކަނި ދެކުނުގައި ހުރި ކެރެމް ޝަލޯމް އަދި ކިސުފިމް ކްރޮސިންގްތަކެވެ.
އެޖެންސީން މިހާރު ވަނީ 145 ޑިސްޓްރިބިއުޝަން ޕޮއިންޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު އަލުން ގާއިމުކުރަން ފަށާފައެވެ. މިހާތަނަށް 26 ޑިސްޓްރިބިއުޝަން ޕޮއިންޓް ވަނީ އަލުން ގާއިމުކުރެވިފައެވެ.
“މީހުންގެ ޝުއޫރުތައް އަޑުއިވުމުން ވަރަށް އުފާވޭ. ވަރަށް ގިނަ އަދަދެއްގެ މީހުން އެބަ އާދޭ. އަދި ކާބޯތަކެތި ލިބޭ ގޮތާއި، ގަވާއިދުން ލައިނުގައި ތިބެގެން ކާބޯތަކެތި ލިބޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވޭ،” އަބީރު އެޓެފާ ވިދާޅުވިއެވެ.
ނަމަވެސް، މި އެއްބަސްވުން ކިހާ ދުވަހަކަށް ދެމިގެންދާނެކަމާމެދު ޔަގީންކަން ކުޑަވުމާއެކު، އެހީގެ ގޮތުގައި ލިބޭ ކާބޯތަކެތީގެ ބައެއް ރައްކާކޮށް ބަހައްޓާކަން އެޓެފާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޣައްޒާގައި ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް މަތިވެފައިވާކަމާއި، މާކެޓުން ކާބޯތަކެތި ލިބެން ހުރި ނަމަވެސް، އަގުބޮޑުކަމުން ގަތުމަށް ދަތިވާ މިންވަރަށް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.



