ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަން، އެގައުމުގެ ރިޔާސީ އިންތިޚާބު، 97 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރައްވައިފިއެވެ. މިކަން ހާމަވެފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު އިންތިޚާބީ އިދާރާތަކުން އިއުލާންކުރި ރަސްމީ ނަތީޖާއިންނެވެ. މިއީ ސަރަހައްދީ ގައުމުތަކުގައި ވަރަށް މަދުން ފެންނަފަދަ ބޮޑު ކާމިޔާބެކެވެ.
ރައީސް ސާމިއާ ސުލޫހޫ ހަސަން ވަނީ އިދާރީ ވެރިރަށް ކަމަށްވާ ޑޮޑޯމާގައި ބޭއްވި ރަސްމިއްޔާތެއްގައި އިންތިޚާބީ އިދާރާތަކުން ކާމިޔާބީގެ ސެޓްފިކެޓް ހަވާލުވެވަޑައިގެންފައެވެ. އެކަމަނާ ވިދާޅުވީ މި ނަތީޖާއިން ދައްކުވައިދެނީ ޓެންޒޭނިއާގެ ރައްޔިތުން އަންހެން ލީޑަރަކަށް ވަރަށް ބޮޑު ތާއީދެއް ދީފައިވާ ކަމަށެވެ.
“އިންތިޚާބަށް ފަހު، އަޅުގަނޑުމެން ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ބިނާކޮށްފައިވާ ކަންތައްތައް ހަލާކު ނުކޮށް، ގައުމު އެއްބައިވަންތަ ކުރަންވީ ވަގުތު މިއީ” އެކަމަނާ ވިދާޅުވިއެވެ.
އަދި ގައުމު އަމާންކޮށް ބޭއްވުމަށްޓަކައި، އަހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި، ހުރިހާ ސަލާމަތީ އިދާރާތައް ބައިވެރި ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ސާމިއާ ސުލޫހޫ ހަސަން ވެރިކަމަށް ވަޑައިގަތީ 2021 ވަނަ އަހަރުއެވެ. ކުރީގެ ރައީސް ޖޯން ޕޮމްބޭ މަގުފޫލީ، އެމަނިކުފާނުގެ ދެވަނަ ދައުރު ފެށުނުތާ މަސްތަކެއް ފަހުން އަވަހާރަވުމާ ގުޅިގެން، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ސާމިއާ ސުލޫހޫ ހަސަން އަށް ރިޔާސަތު އޮޓޮމެޓިކުން ލިބިވަޑައިގަތީއެވެ.
މި ނަތީޖާއަކީ، އިންތިޚާބަށް ފާޑުކިޔާ ފަރާތްތަކާއި އިދިކޮޅު ޖަމާއަތްތަކުގެ ކަންބޮޑުވުން އިތުރުކޮށްފާނެ ކަމެކެވެ. އެމީހުން ބުނާ ގޮތުގައި ޓެންޒޭނިއާގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވުމުގެ ބަދަލުގައި، ރައީސް ސާމިއާ ސުލޫހޫ ހަސަންގެ ދެ މައިގަނޑު ވާދަވެރިންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމުން، އެކަމަނާ ވާރުތަވެރިކަމެއްގެ ގޮތުގައި ކާމިޔާބު ކުރެއްވީއެވެ. އެކަމަނާއަށް ކުރިމަތިލެއްވީ ކުދި ޕާޓީތަކުގެ 16 ކެންޑިޑޭޓުންނެވެ.
އޮކްޓޯބަރު 29 ގައި ބޭއްވި އިންތިޚާބުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން، މައިގަނޑު ސިޓީތަކުގައި މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުމެ، ވޯޓު ގުނުން ހުއްޓުވިއެވެ. ހަމަނުޖެހުންތައް މަޑުޖައްސާލުމަށް ފުލުހުންނަށް އެހީތެރިވުމަށް އަސްކަރިއްޔާ ނެރުނެވެ. އިރުމަތީ އެފްރިކާގެ މި ގައުމުގައި އިންޓަނެޓްގެ ޚިދުމަތް ދޭތެރެ ދޭތެރެއިން ކެނޑި، ދަތުރުފަތުރާއި އެހެނިހެން ހަރަކާތްތަކަށް ބުރޫ އަރާފައިވެއެވެ. މި މުޒާހަރާތައް ޓެންޒޭނިއާގެ އެކި ހިސާބުތަކަށް ފެތުރި، ނޮވެމްބަރު 3 ގައި އަލުން ހުޅުވުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީތައް ހުޅުވުން ސަރުކާރުން ވަނީ ފަސްކޮށްފައެވެ.
ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ދާރުއްސަލާމްގެ މަގުތަކުގައި ހޮނިހިރު ދުވަހު ހަމަނުޖެހުން ހިންގާފައިވެއެވެ. އަދި މަގު ހުރަސްތަކުގައި ތިބި ސަލާމަތީ ބާރުތަކުން ބޭރަށް ނިކުތް މީހުންގެ އައިޑީ ކާޑު ބަލާފައިވެއެވެ.
މި ހަމަނުޖެހުންތަކުގައި މަރުވި ނުވަތަ ޒަޚަމްވި މީހުންގެ އަދަދު ޓެންޒޭނިއާގެ އިދާރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނެއް ކަމަށްވާ ސެއިފް މަގަންގޯ ހުކުރު ދުވަހު ޖެނީވާގައި ބޭއްވި އ.ދ. ގެ ބްރީފިންއެއްގައި ކެންޔާއިން ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ، ދާރުއްސަލާމާއި ޝައިނަންގާ އަދި މޮރޮގޮރޯ ޓައުންތަކުން 10 މީހުން މަރުވި ކަމުގެ އިތުބާރު ހުރި ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.
އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ހުކުރު ދުވަހު ވިދާޅުވީ ޓެންޒޭނިއާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ކަންތައް އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ.
އިދިކޮޅު ޖަމާއަތް ކަމަށްވާ ޗަޑޭމާގެ ލީޑަރު ތުންޑޫ ލިއްސޫ ވަނީ މަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްފައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށްޓަކައި އިސްލާހުތައް ގެނައުމަށް ގޮވާލުމުން، ގައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާގައެވެ. އިދިކޮޅު އަނެއް ފަރާތެއް ކަމަށްވާ އޭސީޓީ-ވަޒަލެންޑޯ ގްރޫޕުގެ ލުހާގާ އެމްޕީނާއަށް ވެސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.



