މެލޭޝިއާ އެއާލައިންސްގެ ބޯޓު އެމްއެޗް370 ގެ ބައިތައް ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މި ބޯޓު ގެއްލިފައިވާތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ބޯޓުގައި 239 މީހުން ތިއްބެވެ. މި ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފަށާނީ ޑިސެމްބަރު 30 ގައެވެ.
މިފަހަރުގެ ހޯދުމުގެ މަސައްކަތް 55 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް މީގެ ކުރިން މާޗް މަހު ފަށާފައިވީ ނަމަވެސް، މޫސުމް ގޯސްވުމުގެ ސަބަބުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
“މިފަހަރުގެ މަސައްކަތަކީ މި ހާދިސާގައި އަސަރުކުރި އާއިލާތަކަށް އެކަން ނިމުމަކަށް ގެނެސްދިނުމަށް ކަށަވަރުކޮށްދިނުމަށް ކުޜާ މަސައްކަތެއް” މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވެއެވެ.
އެމްއެޗް370 އަކީ ބޮއިން 777 ބާވަތުގެ ބޯޓެކެވެ. މިއީ 2014 ވަނަ އަހަރު ކުއާލާ ލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓެކެވެ. މި ހާދިސާއަކީ އޭވިއޭޝަންގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ސާޗިން އޮޕަރޭޝަނަށް މަގުފަހިކުރި ހާދިސާއެވެ. މި ބޯޓު ހޯދަން ކުރިން ކުރި މަސައްކަތްތަކުގެ ތެރޭގައި 26 ގައުމެއްގެ 60 އުޅަނދާއި 50 މަތިންދާބޯޓު ބައިވެރިވި ބައިނަލްއަގްވާމީ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތް 2017 ގައި ވަނީ ނިންމާލާފައެވެ. އަދި 2018 ވަނަ އަހަރު އޯޝަން އިންފިނިޓީން ކުރި މަސައްކަތް ވެސް ތިން މަސް ފަހުން ނިމުމަކަށް އައެވެ.
މި ބޯޓު ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދެން ކުރިއަށް ގެންދަނީ އެކްސްޕްލޯރޭޝަން ފާމް އޯޝަން އިންފިނިޓީ އިންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ “ނޯ ފައިންޑް، ނޯ ފީ” އުސޫލުންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު ލޯކް ސިއު ފޫކް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބޯޓުގެ ބައިތައް ފެނިއްޖެނަމަ އެ ކުންފުންޏަށް 70 މިލިއަން ޑޮލަރު (56 މިލިއަން ޕައުންޑް) ލިބޭނެއެވެ.
އެމްއެޗް370 އަކީ 8 މާޗް 2014 ގައި ފުރިތާ އެއް ގަޑިއިރު ނުވަނީސް އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނު ބޯޓެކެވެ. ރާޑަރުން ދެއްކި ގޮތުގައި ބޯޓު އޭގެ އަސްލު ދަތުރުމަގުން އެހެން ދިމާލަކަށް އެނބުރިފައިވެއެވެ. މިއީ އޭވިއޭޝަންގެ އެންމެ ބޮޑު ސިއްރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވާއިރު، ބޯޓުގައި ތިބި މީހުންގެ އާއިލާތައް އަދިވެސް ތިބީ ހިތްދަތިކަމެއްގެ ތެރޭގައެވެ. އެތައް އަހަރެއް ވަންދެން އެ އާއިލާތަކުން ވަނީ އާ ސަރޗެއް ފެށުމަށް ގޮވާލާފައެވެ.
2018 ވަނަ އަހަރު ހެދި ތަހުގީގެއްގައި ބުނެފައިވަނީ ބޯޓުގެ ކޮންޓްރޯލްތައް ބަދަލުކޮށް، ދަތުރުމަގުން އެހެން ދިމާލަކަށް ގެންދިޔައީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަމުގެ ފަހަތުގައިވާ ސަބަބެއް އެނގިފައެއް ނުވެއެވެ. ތަހުގީގުކުރާ ފަރާތްތަކުން އެދުވަހު ބުނެފައިވަނީ ޖަވާބު ކަށަވަރުވާނީ ހަމައެކަނި ބޯޓުގެ ބައިތައް ފެނިގެން ކަމަށެވެ. މި ހާދިސާއާ ގުޅިގެން ޕައިލެޓް ގަސްތުގައި ބޯޓު ވައްޓާލީ ކަމަށް ނުވަތަ ބޯޓު ހައިޖެކް ކުރީ ކަމަށް ބުނާ ބައެއް ކޮންސްޕިރަސީ ތިއަރީތައް ވެސް ވަނީ ފެންމަތިވެފައެވެ.



