ޣައްޒާގައި ހަމަލާ ހުއްޓާލުމަށް އެހީތެރިވި ޤަތަރާއި މިޞްރުން މިހާރު ވަނީ މި ބަލިކަށި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، އިސްރާއީލް ސިފައިން ފޭބުމާއި ބައިނަލްއަޤްވާމީ ސުލްހަ ޤާއިމްކުރާ ފައުޖެއް ޙަރަކާތްތެރިކުރުން ކަށަވަރުކުރުމަށް ގޮވާލާފައެވެ. މި ފިޔަވަޅުތަކަކީ އެމެރިކާއާއި އދ. ގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ސުލްހައިގެ ޕްލޭނުގައި ހިމެނޭ ކަންކަމެވެ. މި ޕްލޭނުގެ ސަބަބުން ހަނގުރާމަ މުޅިންހެން ހުއްޓިފައިވީނަމަވެސް، އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހިން ކުރިއަށް ދާނެ ގޮތަކާ މެދު އަދިވެސް ހަނގުރާމަވެރި ފަރާތްތަކުން އެއްބަސްވެފައެއް ނުވެއެވެ.
މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންވަނީ އިސްރާއީލް ސިފައިން ޣައްޒާގެ ބޯޑަރުތަކުގެ “ރީނދޫ ރޮނގު”ގެ ފަހަތަށް ފޭބުމަށާއި، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ޙަމާސްއިން އަދިވެސް ހިފަހައްޓާފައިވާ ދިރިތިބި ރަހީނުން ދޫކޮށްލުމަށާއި، މަރުވެފައިވާ ރަހީނުންގެ ތެރެއިން އެކެއް ފިޔަވައި އެންމެންގެ ހަށިގަނޑު ހަވާލުކުރުމަށެވެ.
ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ، ދޯޙާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިހާރު ތިބީ ވަރަށް މުހިންމު ނުކުތާއެއްގައި ކަމަށާއި، އިސްރާއީލްގެ ސިފައިން އެއްކޮށް ފައިބާ، ޣައްޒާގައި އަލުން ސުލްހަ ޤާއިމްނުކުރެވޭހާ ހިނދަކު ހަމަލާ ހުއްޓާލުން ފުރިހަމައެއް ނުވާނެ ކަމަށެވެ. ޤަތަރާއި މިޞްރު އަދި އެމެރިކާ ގުޅިގެން މި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމްކުރުމަށް އެހީތެރިވެފައިވާއިރު، މި އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވާކަމަށް އިސްރާއީލާއި ޙަމާސްއިން އެކަކު އަނެކަކަށް ތުހުމަތުކުރަމުންދާތީ މި އެއްބަސްވުމަކީ އަދިވެސް ވަރަށް ބަލިކަށި އެއްބަސްވުމެކެވެ.
އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމުގައި މައްސަލަތައް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި ޙަމާސްގެ ހަތިޔާރު ބޭލުމުގެ މައްސަލަ ހިމެނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނުގެ ދަށުން ޙަމާސްއިން ހަތިޔާރު ބޭލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ޖަމާޢަތުން ވަނީ މި ހުށަހެޅުމާއި ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.
ޙަމާސްއިން ހޮނިހިރު ދުވަހު ބުނެފައިވަނީ، އިސްރާއީލްގެ ސިފައިންގެ ދަށުން ޣައްޒާ މިނިވަންވެއްޖެނަމަ، އެ ޖަމާޢަތުގެ ހަތިޔާރު ފަލަސްތީނުގެ އިދާރާއަކާ ހަވާލުކުރަން ތައްޔާރުކަމަށެވެ.



