އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ގައުމުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވިތާ ދެ ދުވަސް ފަހުން، ކެމްބޯޑިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދެ ގައުމުގެ ބޯޑަރުގެ ކަނޑުގެ ސަރަހައްދުތަކަށް ފެތުރިގެން ދިއުމާ ގުޅިގެން، ތައިލެންޑްގެ ދެކުނު އިރުމަތީ ޓްރާޓް ޕްރޮވިންސްގައި އެ ގައުމުން ވަނީ ކާފިއު އިއުލާންކޮށްފިއެވެ. މި ކާފިއު އިއުލާންކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.
މި އަހަރުގެ މެއި މަހު ކެމްބޯޑިއާގެ ސިފައިންގެ މީހަކު މަރުވުމާ ގުޅިގެން މި ދެކުނު އިރުމަތީ އޭޝިއާގެ ދެ ގައުމުން ވަނީ މި އަހަރުގެ ތެރޭގައި ގިނަ ފަހަރު ހަތިޔާރު ބޭނުންކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ދެ ބޯޑަރުގެ ދެ ފަރާތުން ވެސް ލައްކައެއްހާ މީހުން ވަނީ ހާލުގައި ޖެހި، އެމީހުންގެ ގެދޮރު ދޫކޮށްފައި ދާން ޖެހިފައެވެ.
ތައިލެންޑްގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ސުރަސަންޓް ކޮންގްސިރީ ބެންކޮކްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ކެމްބޯޑިއާއިން ހޮނިހިރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަނެއްކާ ވެސް ހުޅުވާލި ނަމަވެސް، އޭގެ ފަހުން ވެސް އެއްވެސް ހުއްޓުމެއް ނެތި ހަމަލާތައް ބަދަލުކުރަމުން ދާ ކަމަށެވެ. އޭނާ ވިދާޅުވީ، ތައިލެންޑުން ޑިޕްލޮމެޓިކް ހައްލަކަށް ހުޅުވާލާފައިވީ ނަމަވެސް، ވާހަކަ ދައްކަން ފެށުމުގެ ކުރިން ކެމްބޯޑިއާއިން ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ.
ތައިލެންޑްގެ ސިފައިން ހޮނިހިރު ދުވަހު ބުނެފައިވަނީ، ކެމްބޯޑިއާއިން ބަރު ހަތިޔާރާއި އެހެނިހެން ސާމާނު އެ ސަރަހައްދަށް ގެންދިއުމަށް ބޭނުންކުރި ބްރިޖެއް ހަލާކުކޮށްލާފައިވާ ކަމަށާއި، އަދި ކެމްބޯޑިއާގެ ކަނޑުގެ ސަރަހައްދު ކޯ ކޮންގް ޕްރޮވިންސްގައި ހުރި އާޓިލަރީތަކަށް އަމާޒުކޮށް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް ކެމްބޯޑިއާއިން ވަނީ ތައިލެންޑުން އާންމުންގެ އުމްރާނީ ތަރައްގީއަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ތައިލެންޑްގެ ކާފިއު ހިނގާނީ ކޯ ކޮންގް އާ އަވަށްޓެރި ޓްރާޓް ޕްރޮވިންސްގެ ފަސް ޑިސްޓްރިކްޓެއްގައެވެ. ނަމަވެސް ފަތުރުވެރިން ގިނަ ކޯ ޗާންގް އާއި ކޯ ކޫޑް ރަށްތަކުގައި ކާފިއު ނުހިނގާނެއެވެ. މީގެ ކުރިން އަސްކަރިއްޔާއިން އިރުމަތީ ސާކިއޯ ޕްރޮވިންސްގައި ވެސް ކާފިއު އިއުލާންކޮށްފައިވާއިރު، އެ ކާފިއު އަދިވެސް ދެމިއެބައޮތެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު 817 ކިލޯމީޓަރު (508 މޭލު) ބޯޑަރުގެ އެކި ހިސާބުތަކުގައި ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާތައް ބަދަލުކޮށްފައިވެއެވެ. މިއީ ޖުލައި މަހު ފަސް ދުވަހަށް ދެމިގެންދިޔަ ހަމަލާތަކަށްފަހު ހިނގި އެންމެ ބޮޑު ހަމަލާތަކެވެ. އެ ހަމަލާތައް ހުއްޓާލާފައިވަނީ ޓްރަމްޕާއި މެލޭޝިއާގެ މެދުވެރިވެގެންނެވެ.
ޓްރަމްޕް ވަނީ ހުކުރު ދުވަހު ތައިލެންޑްގެ ބެލެނިވެރި ބޮޑުވަޒީރު އަނޫތިން ޗާންވިރަކުލް އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން މަނެޓްއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި، އެ ދެ ބޭފުޅުން ވެސް ހުރިހާ ބަޑިޖެހުމެއް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ހޮނިހިރު ދުވަހު އަނޫތިން ވަނީ އެމީހުންގެ ބިމަށާއި ރައްޔިތުންނަށް އިތުރު ގެއްލުމެއް ނުވަތަ ބިރުވެރިކަމެއް ނުފެންނަހާ ހިނދަކު” ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނަކު ފަހުން ވިދާޅުވީ، ޓްރަމްޕް އުންމީދު ކުރައްވަނީ ހުރިހާ ފަރާތްތަކުން ވެސް އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމް ކުރާނެ ކަމަށާއި، މީހުން މެރުން ހުއްޓުވައި، ދެމެހެއްޓެނިވި ސުލްހައެއް ކަށަވަރު ކުރުމަށްޓަކައި ބޭނުންވާ ފަރާތްތަކާ މެދު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.



