ތުރުކީގެ އިރުދެކުނު ސަރަހައްދެއްގައި ހުންނަ ހައިސްކޫލަކަށް އެ ސްކޫލުގެ ކުރީގެ ދަރިވަރަކު ވަދެ ބަޑިޖަހައި، މަދުވެގެން 16 މީހަކު ޒަޚަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.
އުމުރުން 18 އަހަރުގެ މި ހަމަލާދިން މީހާ، ޝޮޓްގަންއެއް ހިފައިގެން ވަދެފައިވަނީ ސަންލިއުރްފާ ޕްރޮވިންސްގެ ސިވަރެކްގައި ހުންނަ ވޮކޭޝަނަލް ހައިސްކޫލަކަށެވެ. ގަވަރުނަރު ހަސަން ސިލްޑަކް ވިދާޅުވި ގޮތުގައި، ފުލުހުން އެމީހާ ވަށާލުމުން އޭނާ ވަނީ ގެންގުޅުނު ބަޑިން އަމިއްލަ ގަޔަށް ޖަހައި މަރުވެފައެވެ.
މި ހާދިސާގައި 10 ދަރިވަރުންނާއި، ހަތަރު މުދައްރިސުންނާއި، ކެންޓީން މުވައްޒަފެއްގެ އިތުރުން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ސިލްޑަކް ވިދާޅުވިއެވެ. ޒަޚަމްވި ގިނަ މީހުންނަށް ސިވަރެކްގައި ފަރުވާ ދެމުންދާއިރު، ހާލަތު ސީރިއަސްވުމުގެ ސަބަބުން ފަސް މީހަކު ވަނީ ޕްރޮވިންސްގެ މައި ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ހަމަލާ ދޭން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، ތުރުކީއަކީ އާންމުކޮށް ސްކޫލްތަކުގައި ބަޑީގެ ހަމަލާތައް ހިނގާ ގައުމެއް ނޫނެވެ. ގަވަރުނަރު ފާހަގަކުރެއްވި ގޮތުގައި ހަމަލާދިން މީހާގެ ކުށުގެ ރެކޯޑެއް ނެތް އިރު، މިއީ ވަކިން ހިނގާފައިވާ އެކަހެރި ހާދިސާއެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހަމަލާދިން މީހާ ވަނީ މި ހަމަލާ ދިނުމުގެ ކުރިން ސޯޝަލް މީޑިއާގައި ސްކޫލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



