ފްރާންސްގެ ޕާލަމަންޓުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފިއެވެ. މިއީ ޒުވާނުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބްލޮކްކުރި ވިލާތުގެ ފުރަތަމަ ގައުމެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމުން، ފްރާންސްގެ ހުރިހާ ރައްޔިތުންވެސް ސޯޝަލް މީޑިއާ ބޭނުންކުރުމަށްޓަކައި އެމީހެއްގެ އުމުރު ކަށަވަރުކުރަން ޖެހޭނެއެވެ.
މި ގާނޫނު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް އާ އެކައުންޓްތައް ނުހުޅުވޭނެ ގޮތް ހަދައި، ހުރިހާ އާ އެކައުންޓްތަކެއްގެ އުމުރު ކަށަވަރުކުރަން ޖެހޭނެއެވެ. އަދި ޖެނުއަރީ 2027 އިން ފެށިގެން މި ގަވާއިދު މިހާރު ހުރި ހުރިހާ އެކައުންޓްތަކަކަށްވެސް ހިނގާނެއެވެ. މީގެ މާނައަކީ ފްރާންސްގައި ސޯޝަލް މީޑިއާ ބޭނުންކުރާ ކޮންމެ މީހަކީ 15 އަހަރުން މަތީގެ މީހެއްކަން ސާބިތުކޮށްދޭން ޖެހުމެވެ.
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގެ ދިހަ އަހަރު ނިމުމުގެ ކުރިން ތައާރަފްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމެކެވެ. ސަރުކާރުން ބުނާ ގޮތުގައި އުމުރު ކަށަވަރުކުރުމަށް ބޭނުންކުރާ އޮންލައިން ވަސީލަތްތަކަކީ ރައްކާތެރި އަދި ނަތީޖާ ނެރެވޭނެ ވަސީލަތްތަކެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ މިކަމުގެ ސަބަބުން ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައެވެ.
ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކާތަކާ ގުޅިގެން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުންވެސް ދަނީ މިފަދަ ހުރަސްތަކެއް އެޅުމަށް މަސައްކަތް ކުރަމުންނެވެ. އޮސްޓްރޭލިއާއަކީ މިފަދަ ބޭނުންކުރުން މަނާކުރި ފުރަތަމަ ގައުމެވެ. ނަމަވެސް އޮސްޓްރޭލިއާގެ ތަޖުރިބާއަށް ބަލާއިރު، ގިނަ އަދަދެއްގެ ކުދިން އަދިވެސް އެކި ގޮތްގޮތުން ސޯޝަލް މީޑިއާ ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ކާޓިން ޔުނިވަރސިޓީގެ ޕްރޮފެސަރު ތަމާ ލީވަރ ވިދާޅުވި ގޮތުގައި، ފްރާންސްގެ މި ނިންމުން ކާމިޔާބުވުމުގެ ފުރުސަތު ބޮޑީ ކޮންމެ މީހަކުވެސް އުމުރު ކަށަވަރުކުރަން ޖެހޭތީއެވެ. ނަމަވެސް މީގެ ސަބަބުން ޒުވާނުން ރެގިއުލޭޓް ނުކުރެވޭ އޮންލައިން މާހައުލުތަކަށް ދިއުމާއި، ހަބަރުތަކާއި ސިޔާސީ ކަންކަމުން އެކަހެރިވުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.



